ޕެރިސް (މޭ 16): ފަރަންސޭސި އައު ރައީސް ފްރާންސްވާ އޮލާންޑޭ ރައީސްކަމުގެ ޤާނޫނީ ހުވާކުރައްވައި އިއްޔެ މަޤާމާ ޙަވާލުވެވަޑައިގެންފި އެވެ.

ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ކުރު ބަޔާނެއްގައި އޮލާންޑޭ ވިދާޅުވީ ފަރަންސޭސިވިލާތުގައި އޮންނަ ނަސްލީ އަދި ދީނީ ތަފާތުކުރުންތައް ނައްތާލުމަށާއި ފަރަންސޭސި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޙައްޤުތަކަކާއި ފުރުސަތުތަކެއް ހޯދައިދިނުމަށް އޭނާގެ ވެރިކަމުގައި މަސައްކަތް ކުރައްވާނެކަމުގަ އެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަނދަވަޅުން ސަލާމަތްވުމަށާއި ވަޒީފާގެ ފުރުސަތު އިތުރުކޮށް ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް އިސްކަން ދެއްވުމަށް ވެސް އޮލާންޑޭ ވަޢްދުވެވަޑައިގެންފަ އެވެ.

ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ފަރަންސޭސި ރިޔާސީ ގަނޑުވަރު (އެލިޒޭ)ގައި އޮލާންޑޭ، ކުރީގެ ރައީސް ނިކޮލައި ސަރކޯޒީގެ ދެކަނބަލުންނާ ބައްދަލުކުރައްވައި ވަދާއުގެ ސަލާމް ކުރެއްވި އެވެ. ވަދާއުގެ ސަލާމް ކުރައްވުމަށް ފަހު ގަނޑުވަރުން ނުކުމެ ވަޑައިގަތުމުގެ ކުރިން ސަރުކާރުގެ ސިއްރު ފައިލްތަކާއި ނިއުކްލިޔާ ކޯޑުތައް ކުރީގެ ރައީސް ސަރކޯޒީ، މިހާރުގެ ރައީސް އޮލާންޑޭއާ ޙަވާލުކުރެއްވި އެވެ. އުމުރުން 52 އަހަރުގެ ސަކޯޒީ ރައީސް ކަންކުރެއްވީ ފަސް އަހަރުގެ ރިޔާސީ އެންމެ ދައުުރެއްގަ އެވެ. ވެރިކަމުގެ ބާރުތަކާއި އެލިޒޭ ގަނޑުވަރު ދޫކުރައްވަން ސަކޯޒީ އަށް ޖެހިވަޑައިގަތީ އެންމެފަހުން ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގަތުމާގުޅިގެންނެވެ.

އުމުރުން 57 އަހަރުގެ އައު ރައީސް އޮލާންޑޭ ފަރަންސޭސި ރިޔާސީ އިންތިޚާބު ދެވަނަ ބުރު ކާމިޔާބު ކުރެއްވީ ވޯޓުގެ 51.6 ޕަސެންޓް ހޯއްދަވައިގެންނެވެ. އޮލާންޑޭ އާއެކު އޭނާގެ ލޯބިވެރިޔާ ވެލަރީ ތްރިވިލަރ ވެސް އެލިޒޭ ގަނޑުވަރަށް ވެދެވަޑައިގެންނެވި އެވެ. ވެލަރީ އާއި އޮލާންޑޭ އެކީގައި ދިރިއުޅުއްވި ނަމަވެސް ރަސްމީގޮތުން ކައިވެނި ބައްލަވައިގެންފައެއް ނުވެ އެވެ. ދެ ބޭފުޅުން ވެސް އެހެން މީހުންނާ ކައިވެނިކުރައްވައިގެން ދަރިން ލިބި އެ ދަރިން ބޮޑުކުރައްވާފައިވާ އިރު އޮލާންޑޭގެ އަރިހުގައި އޭނާގެ ދަރިކަލަކު ވެސް އަދި ލޯބިވެރިޔާ ވެލަރީގެ ދަރިކަލަކު ވެސް އެލިޒޭ ގަނޑުވަރަށް ވެދެވަޑައިގެންފައެއް ނުވެ އެވެ.

އެހެންކަމުން 2007 ވަނަ އަހަރު ކުރީގެ ރައީސް ސަރކޯޒީ އާއިލާއާ އެކު އެލިޒޭއަށް ވަޑައިގެންނެވި އިރު ފެނުނު ޢާއިލީ ރީތި މަންޒަރުތައް އޮލާންޑޭ އެލިޒޭ އަށް ވަޑައިގެންނެވި އިރު ފެނިފައެއްނުވެ އެވެ. އޮލާންޑޭ ހުވާކުރެއްވުމުގެ ރަސްމިއްޔާތުއޮތީ ވަރަށް ކުޑަގޮތަކަށެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެފައި ވަނީ އެންމެ 31 މީހުންނެވެ. މީގެތެރޭގައި ފަރަންސޭސި ދައުލަތުގެ އިސްމަސްއޫލުވެރިން ހިމެނިވަޑައިގަންނަވަ އެވެ. (ރޮއިޓާސް)