22 Oct 2023, 14:49
ވޮޝިންޓަން (19 އޮކްޓޯބަރު 2023): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކަކީ އިސްރާއީލުގެ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގުކަން ދޭހަވާފަދަ ގަރާރެއް އދ.ގެ ސަލާމަތީ މަޖީލީހަށް ހުށަހެޅުމުގެ މަސައްކަތް އެމެރިކާ ފަށައިފިއެވެ.
އދ.ގެ ޑިޕްލޮމެޓިކް ދާއިރާތައް ބުނާގޮތުން އެމެރިކާ މިގަރާރު ހުށަހަޅަނީ އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުންނެވެ. އެމެރިކާ ހުށަހަޅާ ގަރާރުގެ ދެލިކޮޕީ މިހާރުވަނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ މެންބަރު ގައުމުތަކުގެ މަންދޫބުންނަށް ފޮނުވާފައެވެ.
މިގަރާރުގައި އިސްރާއީލުގެ އަޅުވެތިކަމާއި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމަށް މަސައްކަތް ކުރުމުގެ ހައްގު ފަލަސްތީނު މީހުންނަށް ލިބޭކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު އިސްރާއީލަށް ލިބިދޭނެކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކަށް ދެމުންގެންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. ގެ ގުނަވަންތަކުން ސިފަކުރިނަމަވެސް މިގަރާރުގައި އިސްރާއީލުގެ މިހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެއް ނުވެއެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެނޫންވެސް އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ވަގުތީގޮތުންނަމަވެސް އިސްރާއީލުގެ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެއް ނުވެއެވެ.
މީގެ ދެ ހަފުތާކުރިން ފެށިގެން އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ އާންމުންނަށް ގަސްދުގައި ހަމަލާދީ އާންމުން މަރަމުންނެވެ. ޣައްޒާގެ މަދަނީ ތަންތަނަށް އިސްރާއީލު ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް ފަސް ހާހަށްވުރެ ގިނަ އާންމުން ޝަހީދުވެ އަށް ހާހަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުގެ މިޖަރީމާތަކާ ގުޅިގެން އިސްރާއީލުގެ ވެރިންނާއި މިޖަރީމާތަކަށް ވާގިވެރިވާ އެމެރިކާގެ ވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރުކޮށް އެމީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ދުނިޔޭގެ ޒަމީރުގެ ފެންވަރުގައި މިހާރުދަނީ ގޮވާލެވެމުންނެވެ.
އަނެއްކޮޅުން އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި މިކަމަށް އެމެރިކާ ވާގިވެރިވުމާ ގުޅިގެން އެމެރިކާއާއި އިސްރާއީލުދަނީ ދުނިޔޭގެ އާންމުންގެ މެދުގައި ވަރަށް ބޮޑަށް އެކަހެރިވަމުންނެވެ. އެމެރިކާގެ މި ގަރާރަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ހިތްވަރުދޭ ގަރާރަކަށްވާތީ މިގަރާރާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ރަޝިއާ ނޫނީ ޗައިނާ ވީޓޯކުރުން އެކަށީގެންވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިއާ އިސްވެ އޮވެގެން ހުށަހެޅި ގަރާރެއް މީގެ ދެދުވަސްކުރިން އެމެރިކާވަނީ ވީޓޯ ކޮށްފައެވެ.