މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މިއަހަރުގެ މިހާތަަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު 13.5 އިންސައްތަ އިތުރެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ރަޝިއާއިން، 165,751 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެއީ 158,366 މީހުންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 157,350 މީހުން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރަނީ މި މަހުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި މި އަހަރުގެ ނިޔަލަށް އެ އަދަދު 1.8 މިލިއަނަށް އަރާނެ ކަމަށެވެ.

މިހާރު ދުވާލަކަށް އަންނަނީ 4،973 ފަތުރުވެރިންނެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ 1،267 ތަނެއްގައި 62،879 އެނދު ހިންގަމުންދެއެވެ. އޭގެ ތެރެއިން 68 ޕަސެންޓަކީ ރިސޯޓްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އެނދެވެ.