ކޮމަން ވެލްތު މިނިސްޓްރީއަލް އެކުޝަން ގުރޫޕް( ސީމެގުން) ރާއްޖެއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އިންޑިޔާ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އިބުރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ސީމެގުން އެދިފައިވާ ގޮތަށް ސަރުކާރުން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ކަމަށާއި އިންކުއަރީ ކޮމިޝަނުގެ މަސައްކަތް ކުރަމުން އައީ ސީމެގުން އެދިފައިވާ ގޮތަށް ވަރަށް ބާރަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން [ސީމެގުން] އެއްވެސް ފިޔަވަޅެއް އަޅާފައިނެ ކަމަކަށް. ސީމެގުން އެދިފައި އޮތްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ. ދެން ނޯންނާނެ ފިޔަވަޅު އަޅާނެ ޖާގައެއް. ފިޔަވަޅު އަޅައިފިއްޔާމު ވަރަށް އާދަޔާ ހިލާފު ކަމަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދަޅުވީ އެމަނިކުފާނު އިންޑިޔާ އަށް ވަޑައިގަތުމުގެ ކުރިން ކޮމަން ވެލްތުގެ މަންދޫބު ސާ ޑޮން މެކެނަންއާ ބައްދަލުކުރެއްވުމަށް ފަހު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ ހަތަރު މެންބަރުންގެ ކޮމިޓީއެއް އެކުލަވާލެއްވި ކަމަށާއި އެ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު ކޮމަންވެލްތުގެ އެދުމުގެ މަތިން ކޮމިޝަނުގެ ޓާމްސް އޮފް ރެފަރެންސާ މެދު މަޝްވަރާކުމަށް ފަހު އަލުން ރިއާޔަތްކުރުމަށް ނިންމުގެ އިތުރުން ކޮމިޝަނަށް އިތުރު ކޯ ޗެއާއެއް ލެއްވުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އެކަންކަމުގައި ސަރުކާރުން ދޫދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިބީ ކަމެއް ފޮރުވާކަށެއްނޫން. އަޅުގަނޑުމެންގެ ފަރާތުން ލިބެން ޖެހޭ އެހީތެރިކަން ލިބޭނެ. އެގޮތުން ކޮމަންވެލްތާ އެކު ވެވުނު އެއްބަސްވުމުގެ މަތިން އިންކުއަރީ ކޮމިޝަނުގެ ޓާމްސް އޮފް ރިފަރެންސް ވަނީ އަލުން ލިޔެފައި. ކުރިއަކާ މާ ބޮޑު ތަފާތެއްނެތް. އޭގެ އިތުރުން ކޮމިޝަނުގެ ކޯ ޗެއާއެއްލާން ވަނީ އެއްބަސްވެފައި. އެބޭފުޅަކީ އަޅުގަނޑުމެން ކޮމަންވެލްތާ އެކު އައިޑެންޓިފައިކޮށްފައި ކޮމަން ވެލްތުން ގަބޫލް ކޮށްފައިވާ ބޭފުޅެއް. އެއީ ސިންގަޕޫރުގެ ރިޓާޔަޑް ޖަޖެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް ނަޝީދު ހުށައަޅުއްވާ ބޭފުޅަކު ހުށައެޅުއްވުމަށް ދެ ހަފްތާގެ މުއްދަތެއް ދެއްވާފައިވާ ކަމަށާއި މިހާތަނަށް ހުށައަޅުއްވާފައިވާ ނަންފުޅުތަކަކީ ސިޔާސީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންކަމުން އެ ނަންތައް ސަރުކާރުން ބަލައިނުގަންނަ ކަމަށެވެ. އަދި ވިދާޅުވީ އިންކުއަރީ ކޮމިޝަނުގެ މަސައްކަތް މިމަހު ނިންމަން ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރު އެ ކޮމިޝަނުގެ މަސައްކަތް ނިންމުމަށް ތާވަލްކޮށްފައި ވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.