22 Oct 2023, 12:15
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) އިން ދޭ ހިޔުމަން ރިސޯސް އެކްސެލެންސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ހިޔުމަން ރިސޯސް ގެ ދާއިރާގައި މަސައްކަތް ކުރާ އަމިއްލަ ފަރުދުންނާއި މުއައްޒިފުންނާގުޅޭ ކަންކަން ހަރުދަނާ އުސޫލަކުން އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ހާއްސަ ކޮށްގެން ދެވޭ އެވޯޑެކެވެ.
މި އެވޯޑް ތަޢާރަފު ކޮށްދެއްވީ ނިމިދިޔަ ނެޝަނަލް އެޗްއާރުޑޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ ކެބިނެޓް ސެކެޓެރީ އަޙްމަދު ހަސަން ދީދީއެވެ.
މާޕް ހިޔުމަން ރިސޯސް އެކްސެލެންސް އެވޯޑުގައި ހިޔުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ ފަރުދުންނަށް ހާއްސަކޮށްގެން ދެވޭ ތިން އެވޯޑަކާއި ކުންފުނިތަކަށް ހާއްސަކޮށްގެންދެވޭ ހަތް އެވޯޑެށް ހިމެނެއެވެ. މިދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރުދުންނަށް ދެވޭ އެވޯޑް ތަކުގެ ތެރޭގައި ހިމެނެނީ:
އައުޓްސްޓޭންޑިން އެޗްއާރު ލީޑާސް އޮފްދަ އިޔާ
އިމާޖިން އެޗްއާރު ލީޑާސް އެވޯޑް
އެކްސެލަންސް އިން ވިމެން އެޗްއާރު ލީޑާ
މުވައްޒަފުންނާ ގުޅޭ ކަންކަން ހަރުދަނާ އުސޫލަކުން އިސްކަންދީގެން ހިންގާ ކުންފުނިތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑު ތަކުގެ ތެރޭގައި ހިމެނެނީ:
އެކްސެލެންސް އިން އެޗްއާރު އިނޮވޭޝަން
އެކްސެލެންސް އިން ވޯކްޕްލޭސް ކަލްޗާ
އެކްސެލެންސް އިން ޓެލެންޓް ޑިވޮލަޕްމަންޓް
އެކްސެލެންސް އިން އެންޕްލޯއީސް ވެލްނަސް އެންޑް ވެލްބީން
އެކްސެލެންސް އިން އިކުއިޓީ ޑައިވާސިޓީ އެންޑް އިންކްލޫޝަން
އެކްސެލެންސް އިން އެޗްއާރު ޓެކް
މޯސްޓް ޕީޕަލް ފޯކަސް ލީޑާ
މި އެވޯޑު ދިނުމުގެ މަގުސަދަކީ މީހުން ބިނާކުރުމާއި ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ހުނަރު ފާހަގަކޮށް އެ މަސައްކަތުގައި ދެމިހުރުމުގެ ހިތްވަރުދިނުމާއި އަގުވަޒަންކުރުމެވެ. މި ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުވުމާއި މި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރުދިނުންވެސް މި އެވޯޑު ދިނުމުގެ މަގުސަދެއްކަމުގައި ވެއެވެ.
މީގެ އިތުރުން، ކުންފުނިތަކުން މިހާރަށްވުރެ އިތުރަށް އިންސާނީ ވަސީލަތް ހަރުދަނާކުރުމަށް އަހަންމިއްޔަތުކަން ދިނުމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމަށް އީޖާބީ އަދި އިޖާދީ ގޮތްތަށް ހޯދައި ބޭނުންކުރުމަށް ހިތްވަރު ދިނުމާއި، ކުންފުނިތަކާއި އިދާރާތަކަށް ލިބޭކާމިޔާބީގެ މުހިންމު ބައިވެރިންނަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒިފުންކަން ފާހަކަ ކުރުމަކީ ވެސް މި އެވޯޑު ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހަކީ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހެވެ. މިއެވޯޑަށް އެދި ހުށައެޅުމާއި އަދި އިތުރު މައުލޫމާތު މާޕްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އުފެދުނުތާ ފަސް އަހަރު ވެފައިވާއިރު، އިންސާނީ ވަސީލަތުގެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގައިފައެވެ.