22 Oct 2023, 11:13
ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ދިނުމަކީ އެންމެ ދެމެހެއްޓެނިވި ގޮތް ނޫންކަމަށް އެންސްޕާއިން ބުނެފިއެވެ.
އެންސްޕާގެ އިސް އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއީ ބޭރުގެ ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ނޫންކަމަށެވެ. އަދި އާސަންދައިގެ ބަޖެޓް ދެމެހެއްޓެނިވި ގޮތެއްގައި ނުބެލެހެއްޓޭ އިރު، އެފަދަ ބޮޑު ޚަރަދެއް ކުރުމަކީ ވަކިން ބޮޑު މާލީ ބުރައަކަށް ވާނޭކަމަށް އޭނާ ބުންޏެވެ.
"ދުނިޔޭގެ އެހެން ތަންތާގަވެސް އެކަން ކުރާގޮތަކީ ހަމަ އިންޝުއަރެންސް މެކޭނިޒަމްއެއްގެ ތެރެއިން ނޫނީ އެމީހުންގެ ކޮންމެވެސް ކަހަލަ ކޮންޓްރިބިއުޝަނަކާ އެއްކޮށް. އެކަހަލަ ގޮތަކަށް އޭތި ބައްޓަން ވެގެން އައިއްޔާ އެންމެ ސަަސްޓައިނަބަލް ވާނީ،" އެންސްޕާގެ އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އާސަންދައަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށް ވެސް ލިބޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް، އާސަންދައިގެ ތެރެއިން ދަރިމައިނުވުމުގެ ފަރުވާ ދޭއިރު، އެ އުސޫލުތަކުގެ އިތުރަށް އެއަށްވުރެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އާސަންދައަކީ މީހަކު ޚިދުމަތް ހޯދީމަ އާސަންދައިގެ ޚިދުމަތް ދެމުންދާ ތަނެއް. އެހެންވީމަ އާސަންދައިގެ އުސޫލުތަކުގެ އިތުރަށް އެހެން ހަރުދަނާ އުސޫލުތަކެއް ހުންނަން ޖެހޭނެ. މިސާލަކަށް މި ދެވޭނީ ކޮން އުމުރެއްގެ މީހުންނަކަށް ތޯއާ. ހަމަ ކޮންމެ މީހަކަށް ދެވޭނެ އެއްޗަކަށް ވެގެން ނުވާނެ ތީކީ،" އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިހާތަނަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވިސްނާފައި ވަނީ، ދަރިމައިނުވުމުގެ ފަރުވާ އާސަންދައިން ދޭއިރު، ވަކި ޕްރޮގްރާމެއްގެ ގޮތުގައި ބައްޓަން ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމާ ގުޅޭ މާގިނަ މަޝްވަރާތަކެއް އަދި ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ދަރިމައިނުވުމުގެ މައްސަލަތަކަށް އާސަންދައިން ފަރުވާދޭން ގޮވާލި ގަރާރު ފާސްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ މަޖިލީސް ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަން:
ގާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ އަދި ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރު ކޮށްދޭ
- މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝިއުރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ދަރިމައިނުވުމުގެ ބައްޔަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން ހަނިވެފައި ވުން
- ދަރިމައިނުވުމުގެ މައްސަލައިގައި ބޭސްފަރުވާ ކުރާ ފަރާތްތަކަށް ގަވާއިދުން ބޭނުންވާ ބައެއް ބޭހުގެ ބާވަތްތައް ރާއްޖެއިން ހޯދުމުގައި ތަފާތު އުނދަގޫތައް ހުރުން
- މިކަމަށް ބޭނުންކުރާ ބައެއް އަސާސީ ފެންވަރުގެ ބޭސްތައް ރާއްޖެއިން ފަސޭހަ ކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ފަދަ ކުރު ރާސްތާގައި އެޅޭނެ އަވަސް ފިޔަވަޅުތައް އެޅުން
- ދަރިމައިނުވާތީ ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފަރުވާ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދީ ރާއްޖޭގެ އިގްތިސާދީ ފެންވަރަށް ބަލައިގެން އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުން
އާސަންދައިގެ ދަށުން މި ފަރުވާ ފޯރުކޮށްދޭން މަޖިލީހުން ފާސްކޮށްފައި ވާއިރު، އާސަންދައިގެ ބަޖެޓު ދެމެހެއްޓެނިވި ގޮތެއްގައި ނުބެލެހެއްޓޭ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެކެވެ.
އެގޮތުން މިއަހަރުގެ ޖޫން މަހަށް ވީއިރު އާސަންދަ ބަޖެޓު ވަނީ އެންމެ 136 މިލިއަނަށް ވަނީ ދަށްވެފައެވެ.
އާސަންދައަކީ 2012 ވަނަ އަހަރު، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ އިންޝުއަރެންސް އުފެދުނީއްސުރެ ވެސް، ދައުލަތަށް މާލީ ބުރަ ކުރިމަތިކުރުވި އެއް ޚިދުމަތެވެ. ވަކިން ޚާއްސަކޮށް، ވަރަށް ގިނަ އަހަރުތަކުގައި އާސަންދައަށް ފާސްކުރާ ބަޖެޓު ހުސްވެ، ސަޕްލިމަންޓަރީ ބަޖެޓުން އާސަންދައަށް ޚަރަދުކުރަން ޖެހެއެވެ.