ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި މެއިންޒް ބައްދަލުކުރި މެޗް ބަޔާން ކާމިޔާބުކޮށްދިއެވެ.

މެއިންޒްގެ ދަނޑުގައި ކުޅުނު މި މެޗް ބަޔާން ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާ މެޗްގެ ލީޑު ނަގާފައިވަނީ ބަޔާންއިންނެވެ. މިލަނޑު އެ ޓީމަށް ޖަހާދިނީ ކިންގްލީ ކޯމަންއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ބަޔާންގެ ހެރީ ކޭން ޖަހާދިން ލަނޑާއެކު އެ ޓީމްގެ ލީޑު ފުޅާވެގެންދިޔައެވެ.

މި މެޗްގައި މެއިންޒްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ އެންތަނީ ސާސީއެވެ. މި މެޗްގައި ބަޔޭންގެ ފަހު ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހާދިނީ ލެއޮން ގޮރެޓްޒްކާއެވެ. މި މެޗްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.

މި ކާމިޔާބީއާއެކު ބަޔާން މިހާރު އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އަދި މެއިންޒް އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ. ބުންޑަސްލީގާގެ ތާވަލްގެ އެއްވަނައިގާ މިވަގުތު އުޅެނީ 22 ޕޮއިންޓާއެކު ބަޔާ ލެވަކޫސެންއެވެ. ލެވަކޫސެން އާއި ވުލްފްސްބާގް ރޭ ބައްދަލުކުރިމެޗް ދެ ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައިވަނީ ލެވަކޫސެންއެވެ.

މި މެޗްގައި ލެވަކޫސެންގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާދިނީ ޖެރެމީ ފްރިމްޕޮންގްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވުލްފްސްބާގްގެ މެކްސެންސް ލެކްރޮއިސް ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. މި މެޗުން ލެވަކޫސެން މޮޅުވި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ އެލެކްސް ގްރިމަލްޑޯއެވެ.