ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ވީޓީވީ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓި ދެ މީހަކު ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ރ. އަލިފުށީ، ހަމީދީ މަންޒިލް، ހުސެއިން ހަމީދު،26 އާއި ހަމަ އެގޭ އަހުމަދު ހަމީދު، 29 ރޭ ކްރިމިނަލް ކޯޓުން 15 ދުވަހަށް ގޭ ބަންދަށް ބަދަލުކުރީ ކޯޓުން ކުރިން އެ މީހުންގެ މައްޗަށް ޖަހައިދިން ބަންދުގެ މުއްދަތު ހަމަވުމުން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ އެ ކޯޓަށް ހާޒިރު ކުރުމުންނެވެ.

ވީޓީވީ އަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި އެ ދެމީހުންގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު،50 އާއި ހ. ލަދުމާގެ އާގޭ، އަހުމަދު ނައީމް އަދި އައްޑޫ ސިޓީ ހުޅުދޫ، ޖުވެލަރީ، ހުސެއިން ފަރުޝާން އެވެ.

މީގެ އިތުރުން އެ މައްސަލައިގައި ހ. ރޯޒަންޑޭލް ޝިފާން ސަފްރަތު ހޯދުމަށް ވެސް ފުލުހުން ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ. ނަމަވެސް ފުލުހުން އޭނާ ހޯދުމަށް އިއުލާން ކުރިތާ މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އޭނާ ވީތަނެއް އަދިވެސް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.