އިންގްލިޝް ޕްރިމިއާ ލީގުގައި ލަންޑަނަށް ނިސްބަތްވާ ދެޓީމް ކަމަށްވާ ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންއެވެ. ނަމަވެސް މި މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅުނުތަން ފެނިގެންދިޔައީ ޗެލްސީއިންނެވެ. މި ގޮތުން މެޗްގެ 15 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޗެލްސީ ވަނީ ލީޑު ނަގާފައެވެ. އާސެނަލްގެ ޑިފެންޑާ ވިލިއަމް ސަލީބާ އަތުގައި ޖެހުމުގެ ސަބަބުން ދިން މި ޕެނަލްޓީ ޗެލްސީއަށް ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.

މީގެ އިތުރުން ވެސް މި ހާފްގައި ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަލު ފުރުސަތު ލިބިގެން ގޮސްފައެވެ. މި މެޗްގައި ޗެލްސީއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާދިނީ މިހައިލޯ މުޑްރިކްއެވެ. މިލަނޑު އާސެނަލް ގޯލަށް ވަންއިރު އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާއަށް ތަންކޮޅެއް ބޭރަށް ނުކުމެފާ ހުރެވުންކަން ފާހަގަ ވެގެންދިޔައެވެ. މިލަނޑާއެކު ލީގުގައި ފުރަތަމަ ފަހަރަށް އާސެނަލް ބަލިވެދާނެކަމަށް ހީވެގެންދިޔައެވެ.

ނަމަވެސް މެޗްގެ 77 ވަނަ މިނެޓްގައި ޗެލްސީގެ ކީޕާ ރޮބާޓް ސަންޗޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އާސެނަލްއިން އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރުމާއެކު މެޗްގެ އޮއެވަރު ބަދަލުވެގެންދިޔައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައީސްއެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް އާސެނަލްގެ ބަދަލު ކުޅުންތެރިޔާ ލިއާންޑްރޯ ޓްރޮސާޑް ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

މި މެޗްގެ ފަހު ވަގުތު ކޮޅާއި އިތުރު ވަގުތުގައިވެސް އާސެނަލްއިން ވަނީ އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗް ނިމިގެންދިޔައީ މިނަތީޖާއަށް އިތުރު ބަދަލެއް ނައިސް މެޗް އެއްވަރު ވެގެންނެވެ.

މި ނަތީޖާއާއެކު އާސެނަލް މިހާރު އުޅެނީ 9 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ ތާވަލްގެ އެއްވަނައިގާ މިވަގުތު އޮތް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ވީނަމަވެސް ފައިދާ ގޯލަށް ބަލާއިރު ސިޓީއަށް ކުރި ލިބޭތީއެވެ. އަދި ޗެލްސީ އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ.