22 Oct 2023, 23:50
އިންގްލަންޑް އެފްއޭ ވިމެންސް ސުޕަ ލީގުގައި މެންޗެސްޓާ ސިޓީ ވިމެން އާއި ލެސްޓާ ސިޓީ ވިމެން ބައްދަލުކުރި މެޗު ސިޓީ ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީ ކާމިޔާބުކުރީ 1-0 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ކްލޯއި ކެލީއެވެ.
މެޗުގައި މީގެ އިތުރުން ވެސް ސިޓީއަށް ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރުމުގެ ފުރުސަތު އޮތް އިރު ލެސްޓާއަށް ވެސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ދެތިން ފުރުސަތެއް ލިބިގެން ގޮސްފައެވެ.
މި މޮޅާ އެކު މެންޗެސްޓާ ސިޓީ ވިމެންއަށް މިހާރު ވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. އަދި، މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ލެސްޓާ މި މެޗުން ބަލިވުމުން އުޅެނީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ހަތަރުވަނައިގައެވެ.
މުބާރާތުގައި މާދަމާ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ބްރިޓަން އެންޑް ހޯވް އެލްބިއަން ވިމެން އާއި ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެނަމަ ސިޓީ ވިމެން އާއި އަރާ ހަމަހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގައި ޓޮޓްނަމް ހޮޓްސްޕާ ވިމެން އާއި އެސްޓަން ވިލާ ވިމެން ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ސްޕާސްއެެވެ. ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ސްޕާސްގެ ތަރިއަކަށް ވެގެންދިޔައީ މި ސީޒަންގައި އެ ޓީމާ އަލަށް ގުޅުނު މާތާ ތޯމަސްއެވެ. މެޗުގައި މާތާވަނީ ތިން ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކެއް ހަދާފައެވެ. މި ހެޓްރިކާ އެކު އޭނާ މި ފަހަރުގެ މުބާރާތުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް ލީޑު ނެގީ ވިލާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޭޗެލް ޑެލީއެވެ. މި މެޗުގައި ސްޕާސްގެ ހަތަރުވަނަ ލަނޑު އޭޝްލީ ނެވީލް ކާމިޔާބުކޮށްދިން އިރު ވިލާގެ ފަހު ލަނޑު ޖަހާދިނީ ލޫސީ ޕާކާއެވެ.
މިކާމިޔާބީއާ އެކު ސްޕާސް މިހާރު މިވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާ އެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވިލާ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި 11 ވަނައިގައެވެ.