އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ސިޓީ އަރައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބު ކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ހާއްސަ ގޮތެއްގައި މި މެޗްގެ ފުރަތަމަ ހާފްގައި ސިޓީ ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކޮށެވެ.

މި ގޮތުން މެޗްގެ ހަތް ވަނަ މިނެޓްގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ކުރީކޮޅު ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ހޫލިއަން އަލްވަރޭޒްއެވެ. މިއީ މިފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ. އަދި މިލަނޑު ކާމިޔާބުކުރިތާ 12 މިނެޓްފަހުން ސިޓީގެ ދެވަނަ ލަނޑު ޖަހާދިނީ އާލިން ހާލަންޑްއެވެ. މިއީ ވޭތުވެދިޔަ ތިން މެޗްގައި ލަނޑެއް ނުޖެހި ހުރުމަށްފަހު ހާލަންޑް ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބްރައިޓަން ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. މި ގޮތުން މި ހާފްގައި ބްރައިޓަންއިން ވަނީ ދޭތެރެ ދޭތެރެއިން ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މީގެތެރެއިންވެސް ކައޮރޫ މިޓޯމާއަށް ލިބިގެންދިޔަ ދެ ފުރުސަތު ފާހަގަ ކޮށްލެވުނެވެ. މިމެޗްގައި ބްރައިޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ އަންސޫ ފާތީއެވެ.

މި މެޗްގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑާ މެނުއަލް އަކާންޖީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދެއްކުމާއެކު މި މެޗްގެ ފަހު ވަގުތު ކޮޅުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ. ނަމަވެސް ސިޓީއިން ވަނީ ބްރައިޓަންއަށް އިތުރު ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ.

މި ކާމިޔާބީއާއެކު ސިޓީއިން މި ވަނީ ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކުއެވެ. އަދި ބްރައިޓަން އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. މި މުބާރާތުގައި މާދަމާ ޓޮޓްނަމް ހޮޓްސްޕާ އާއި ފުލަމް ބައްދަލުކުރާ މެޗް ކާމިޔާބު ކުރެވިއްޖެނަމަ ސްޕާސްއަށް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އަރާނެއެވެ.