ފަލަސްތީނުގެ ރައްޔިތުން ތިބޭނީ އެމީހުންގެ ރަށުގައި ކަމަށާއި އެ ބިން ދޫކޮށް އެހެން ތަނަކަށް ނުދާނެ ކަމަށް އެ ގައުމުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

މަހުމޫދު މިހެން ވިދާޅުވީ މިސްރުގެ ވެރި ރަށް ގާހިރާގައި މިހާރު ކުރިއަށްދާ "ކައިރޯ ޕީސް ސަމިޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ ކިތަންމެ ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނު ބަލިކޮށްލަން މަސައްކަތް ކުރި ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ތިބީ އަމިއްލަ ވަޒަން ދޫކޮށް ދާ ހިޔާލުގައި ނޫން ކަމަށެވެ.

މަހުމޫދު ދެއްކެވި ވާހަކަފުޅާ ހަވާލާދީ އަހްރަމް އޮންލައިން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޮރުކޮށްދިނުމަށް އެތައް ފަހަރަކު އެދުމުން ވެސް އިސްރާއީލުން ވަނީ އެކަން މަނާކޮށްފައެވެ. އަދި ފަލަސްތީނުން އެދުނީ އެގައުމުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމުކޮށްދީ، ރައްޔިތުންގެ ހައްގުތައް ހޯދައިދީ، ބައިނަލްއަޤްވާމީ ޤަރާރުތަކަށް ތަބާވުމަށާއި، ސުލްހަ ގާއިމުކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ކައިރޯ ޕީސް ސަމިޓްގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

މީގެ އިތުރުން މަހްމޫދުގެ ވާހަކަފުޅުގައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގުދުސްގައި ތިބި ފަލަސްތީނުގެ ރައްޔިތުން، އެމީހުން ދިރިއުޅޭ ގެތަކުން ނެރުމަށް ކުރަމުން އަންނަ ކަންކަމާ ދެކޮޅު ކަން ހާމަކުރައްވާފައެވެ.

ޣައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ބަރުކޮށްގެން ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރު ކައިރީގައި 200އަށް ވުރެ ގިނަ އުޅަނދު އޮންނަތާ އެތައް ދުވަހެއްވެއްޖެެއެވެ. ނަމަވެސް މިދިޔަ ހަފުތާ ތެރޭގައި ޣައްޒާ އެއްކޮށް ބަންދުކުރުމަށްފަހު، އެހީގެ އުޅަނދުތައް އެ ސަރަހައްދަށް ވަނުން އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

އިއްޔެ އިސްރާއީލުން ވަނީ އެހީއާއެކު 20 އުޅަނދެއް ޣައްޒާއަށް ވަނުމަށް ފުރުސަތު ދީފައެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭސް ނުލިބުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނާއި ހަމަލާތަކުގެ ސަބަބުން ޒަހަމްވެފައިވާ އެތައް ބަޔަކަށް އެ އެހީން ނުފުދޭނެ ކަމަށް ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.