އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ސްރީލަންކާ އާއި ނެދަލަންޑްސް ބައްދަލުކުރި މެޗް ސްރީލަންކާއިން ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ ލަކްނޯގައި ކުޅުނު މި މެޗް ސްރީލަންކާއިން ކާމިޔާބުކުރީ ފަސް ވިކެޓުންނެވެ.

މި މެޗްގެ ޓޮސް ދިމާވުމުން ނެދަލަންޑްސްއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 49 އޯވަރު ހަތަރު ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 262 ލަނޑެވެ. ނެދަލަންޑްސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 70 ލަނޑު ހަދާދިން އެސްއޭ އެންގެލްބްރެޗްއެވެ. އަދި ލޯގަން ވެން ބީކްވަނީ މި މެޗްގައި 59 ލަނޑު ހަދާދީފައެވެ.

މި އީނިންގްސްގައި ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ނުވަ އޯވަރު 50 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ކަސުން ރަޖީތާ އާއި ނުވަ އޯވަރު ހަތަރު ބޯޅަ 49 ލަނޑަށް ހަތަރު ވިކެޓް ނަގާދިން ދިލްޝާން މަޑުޝަންކާއެވެ.

ޖަވާބުގައި ސްރީލަންކާއިން ކުޅެން އަރާ 48 އޯވަރު ދެ ބޯޅައަށް ފަސް ކުޅުންތެރިން ނުބައިވެގެން 263 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ.

ސްރީލަންކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 91 ލަނޑު ހަދާދިން ސަދީރާ ސަމަރަވިކްރަމައެވެ. އަދި ޕަތުމް ނިސާންކަ ވަނީ 54 ލަނޑު ހަދާދީފައެވެ. ނެދަލަންދްސް ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 44 ލަނޑަށް ތިން ވިކެޓް ނަގާދިން އަރްޔާން ދަޓްއެވެ.

މި ކާމިޔާބީއާއެކު ސްރީލަންކާއިން މި ވަނީ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އެ ޓީމަށް މިހާރު ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި މިވަގުތު އޮތީ 10 ޓީމް ހިމެނޭ މިފަހަރުގެ ވޯލްޑް ކަޕްގެ އަށް ވަނައިގައެވެ. އަދި ނެދަލަންޑްސް އުޅެނީ ދެ ޕޮއިންޓާއެކު ރަން ރޭޓުގެ ތަފާތުން ހަތް ވަނައިގައެވެ.

ސްރީލަންކާ ދެން ކުޅޭ މެޗްގައި މި އަންނަ ބުރާސްފަތި ދުވަހު އެންމެފަހުގެ ޗެމްޕިއަން އިންގްލަންޑާ ދެކޮޅަށް ނިކުންނައިރު ނެދަލަންޑްސް މި އަންނަ ބުދަ ދުވަހު ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.