22 Oct 2023, 11:40
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އަތުން ބަލިވެ ތަށި ދިފާއު ކުރުމަށް އިންގްލަންޑްއިން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
މުންބާއީގައި ކުޅުނު މި މެޗް ދެކުނު އެފްރިކާއިން ކާމިޔާބު ކޮށްފައި ވަނީ ހީކުރި ވަރަށް ވުރެ ތަފާތު ބޮޑު ނަތީޖާއެއް ކަމަށްވާ 229 ލަނޑުންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދުމަށްޓަކައި އިންގްލަންޑަށް މިހާރު އޮތް ހަމައެކަނި ފުރުސަތަކީ ބާކީ އޮތް 5 މެޗް ކާމިޔާބު ކުރުމެވެ.

މިއީ އިންގްލަންޑްގެ ތާރީހްގައި 50 އޯވަރުގެ މެޗެއްގައި އިދިކޮޅު ޓީމަކުން އެންމެ ގިނަ ލަނޑު ހެދި މެޗެވެ. މިމެޗާ ކުރިމަތިލިއިރު އިންގްލަންޑްގެ ބައެއް ކުޅުންތެރިންނަށް އަނިޔާ ވުމުގެ އިތުރުން ބަލިވުމުގެ މައްސަލަ އޮތީ ދިމާވެެފައެެވެ.
މި މެޗްގެ ޓޮސް ދިމާވުމުން އިންގްލަންޑްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މި ގޮތުން ދެކުނު އެފްރިކާއިން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން 399 ލަނޑު ހެދިއެވެ. ދެކުނު އެފްރިކާއަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 67 ބޯޅައިން 109 ލަނޑު ހަދައިދިން ހެއިންރިކް ކްލާސެންއެވެ. އަދި ރީޒާ ހެންޑްރިކް 85 ލަނޑު ހަދާދިން އިރު މާކޯ ޔެންސެންވަނީ 75 ލަނޑު ހަދާދީފައެވެ. ހަމައެއާއެކު ރެސީ ވެން ޑަ ޑުސެންވަނީ 60 ލަނޑު ހަދާދީފައެވެ.
މި އީނިންގްސްގައި އިންގްލަންޑް ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ އަށް އޯވަރު ފަސް ބޯޅައިން 88 ލަނޑަށް ތިން ވިކެޓް ނަގާދިން ރީސް ޓޮޕްލީއެވެ. އަދި މި މެޗްގައި ޓޮޕްލީއަށް އަނިޔާވެ މި މުބާރާތުގައި ބާކީ ބައިގައި އިތުރަށް ނުކުޅެވިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ޖަވާބުގައި އިންގްލަންޑްއިން ކުޅެން އަރާ 22 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 170 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 43 ލަނޑު ހަދާދިން މާކް ވުޑްއެވެ. ދެކުނު އެފްރިކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 35 ލަނޑަށް ތިން ވިކެޓް ނަގައިދިން ގެރާލްޑް ކޮއެޓްޒީއެވެ.
މި ކާމިޔާބީއާއެކު ދެކުނު އެފްރިކާއިން މި ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އިންގްލަންޑްއަށް ބާކީ އޮތް ފަސް މެޗްގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، އިންޑިއާ، އޮސްޓްރޭލިއާ، ނެދަލަންޑްސް އަދި ޕާކިސްތާންގެ މެޗްތަކެވެ.