މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު މަހަށް ނުކުމެ އުޅުނު ދޯންޏަކުން ހުވަދޫ ކަނޑުން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު ބެހުމަށް އެ ދޯނި ހަވާލުކޮށްފައިވާ މީހާ އިންކާރު ކުރުމުން ދޯނީގެ ވެރިފަރާތުން އޭނާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ސިވިލް ކޯޓުގައި ރޭ އޮތް ޝަރީއަތުގެ މަޖިލީހުގައި މާވަހަރު ފެނުނު ދޯނި ކަމަށްވާ "ނަސްރު" ދޯނީގެ ވެރިފަރާތް، ގ. ޑްރީމް އޮފް ގާޑަން، މުހައްމަދު އަނީލްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން އޭނާގެ ވަކީލު ވިދާޅުވީ އެ ދޯންޏަށް މާވަހަރެއް ފެނުނީ ޅ. ނައިފަރު، ނޫރާނީމާގޭ އަބްދުﷲ މުހައްމަދާ އެކު އަނީލް އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަބްދުﷲ އާ ދޯނި ހަވާލުކޮށްފައިވަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ހޮވާފައިވާ މާވަހަރާ މެދު އަނީލް ދޯނި ހަވާލުކުރި އަބްދުﷲ މުހަންމަދާއި ދެ މީހުންގެ ދެމެދު މިހާރު މައްސަލަ ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ކަނޑުން ހޮވާ މާވަހަރާއި މެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި ވާގޮތުގެ މަތިން، ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ 142 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާވަހަރުން އަނީލް އަށް ލިބެންވާބައި ކަނޑުއްވައި ދެއްވުމަށް އެދޭކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން އެ މާވަހަރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ ވަގުތީ އަމުރަކަށް ވެސް އަނީލްގެ ފަރާތުން ވަކީލު އެދިވަޑައިގަތެވެ. އަދި ދޯނި ހަވާލުކުރުމަށް އަބްދުﷲ މުހައްމަދަށް އެންގުމުން ދޯނި މިހާތަނަށް ހަވާލުކޮށްފައި ނުވާތީ އަނީލްއާ ދޯނި ހަވާލުކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އޭނާ ކޯޓުގައި އެދިވަޑައިގަތެވެ.

އެ މައްސަލައާ މެދު އިތުރަށް ވާހަކަ ދައްކަވަމުން އަނީލްގެ ވަކީލު ވިދާޅުވީ އަބްދުﷲ މުހައްމަދުގެ ފަރާތުން އަނީލްއަށް ކޮންމެ ފަދަ ގެއްލުމެއް ވެސް ދިނުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި އެފަދަ ގެއްލުމެއް ދީފި ނަމަ ފޫނުބެއްދޭ ގެއްލުންތަކަކާއި އަނީލް ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަބްދުﷲ މުހައްމަދުގެ އަމާނާތްތެރިކަމެއް ނެތްކަމަށާއި އަދި އަނީލް އަށް އިތުބާރު ނުކުރާކަމަށް އަބްދުﷲ މުހައްމަދު ބުނެފައިވާތީ މާވަހަރު ފަދަ ބޮޑު މުދާގަނޑެއް އިތުބާރު ނުކުރެވޭ ފަރާތެއްގެ އަތުގައި ބާއްވައިފި ނަމަ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް އަނީލްއަށް ލިބިދާނެ ކަމަށެވެ. އަދި ވިދާޅުވީ ދޯނިން ފޭބުމަށް އެންގުމުން ވެސް އަބްދުﷲ މުހައްމަދު ދޯނިން ނުފައިބާ، މާލޭ ބަނދަރުގައި ދޯނި އަޅާފައި އޮންނަތާ 10 ދުވަސް ވެފައިވާތީ އެ ދޯނި ފަޅުގައި އޮންނަ ކޮންމެ ދުވަހަކަށް އަނީލް އަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން އަބްދުﷲ މުހައްމަދުގެ ވަކީލު ހަސަން ފަލާހު ވަނީ އަނީލްގެ ވަކީލާއި ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ.

"އެއް ބަސްވުމެއް ވެފައި އެބައޮތްތޯ؟ އެއްބަސްވި މުއްދަތަކީ ކޮބައިތޯ؟ އެ އެއްބަސްވުން ބާތިލް ވަނީ ކިހިނެތްތޯ؟ އެއްބަސް ވުމުގައި ލިބޭ ކުއްޔަކީ ކޮބާ؟" ފަލާހު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި އަނީލްގެ ވަކީލު ވިދާޅުވީ އަނގަބަހުން އެއްބަސް ވެފައި ވަނީ އެންމެ ކަމަކަށް ކަމަށާއި އެއީ ޚަރަދު ކަނޑާފައި ފައިދާގެ ތިންބައި ކުޅަ އެއްބައި އޮޑިވެރިޔާއަށް ދޭގޮތަށް ކަމަށެވެ.

ފަލާހު ވިދާޅުވީ މާވަހަރާ މެދު ދައުވާ ކުރުމުގެ ހައްގު އަނީލް އަށް ލިބިގެން ނުވާކަމަށާއި މާވަހަރުގެ ވެރިފަރާތަކީ މާވަހަރު ހޮވި ފަރާތްކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ޝަރީއަތުގެ މަޖިލީސް ރޭ ނިންމަވާލެއްވީ މިއަދު ހެނދުނު ވަގުތީ އަމުރާ މެދު ގޮތެއް ނިންމަވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.