މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސި ގައުމީ ޓީމުގެ ފުޓުބޯޅަ ލެޖެންޑް ސަރ ބޮބީ ޗާލްޓަން އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ.

ޗާލްޓަން މަރުވި ޚަބަރު އިއުލާންކުރަމުން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ޗާލްޓަން މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއަށް ފަރުވާދިން ފަރާތްތަކާއި ސަޕޯޓު ދިން ފަރާތްތަކަށް އާއިލާއިން ޝުކުރު އަދާކުރާ ކަމަށެވެ.

ޔުނައިޓެޑުގެ ޔޫތު ސިސްޓަމުގެ ތެރެއިން ތަމްރީނުވެގެން އައި ޗާލްޓަން ފާހަގަކޮށްލެވިފައިވަނީ އެ ކްލަބުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ. މީގެ 65 އަހަރު ކުރިން ޖަރުމަންގެ މިއުނިކުން ފުރި ފުލައިޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި ޔުނައިޓެޑުގެ ކުޅުންތެރިންގެ ތެރޭގައި ޗާލްޓަން ހިމެނެއެވެ. އޭރު އޭނާގެ އުމުރުން 20 އަހަރެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ޗާލްޓަން ވަނީ ޔުނައިޓެޑަށް ކުޅުނު 758 މެޗުން 249 ގޯލު ކާމިޔާބުކޮށްދީފައެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ތިން ލީގާއި އެފްއޭ ކަޕެއް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ޔުނައިޓެޑުން 1968ގެ ޔޫރަޕިއަން ކަޕް ކާމިޔާބުކުރި އިރު، ފައިނަލުގައި ބެންފިކާ ކޮޅަށް ޗާލްޓަން ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

ޗާލްޓަން ވަނީ ޔުނައިޓެޑުގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. އިނގިރޭސި ޓީމަށް 106 މެޗު ކުޅުނު ޗާލްޓަން ވަނީ، 1966ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނިފައެވެ.