21 Oct 2023, 20:50
ތުރުކީވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޯނުން ގުޅުއްވައި، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފިއެވެ.
ތުރުކީގެ ޑިރެކްޓަރޭޓް އޮފް ކޮމިއުނިކޭޝަންސް އިން ކުރި ޓްވީޓެއްގައިވާ ގޮތުން ދެ ބޭފުޅުންގެ ފޯނު ކޯލުގައި ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ އެންމެ ފަހުގެ މައުލޫމާތާއި ފަލަސްތީންގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އެގޮތުން އުރުދުޣާން ވަނީ، ފަލަސްތީނަށް އެހީ ފޯރުކޮށްދީ އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެގައުމުން ކުރަމުންދާ ކަމަށާއި، އެ ކަމަށް ޓަކައި އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި ކަމަށް ޓްވީޓުގައިވެއެވެ.
މީގެ އިތުރުން ޑރ. މުއިއްޒު ރިޔާސީ އިންތިޚާބުން ހޯއްދެވި ކާމިޔާބީއަށް ރައީސް އުރުދުޣާން މަރުހަބާ ވިދާޅުވި ކަމަށް ވެސް ކޮމިއުނިކޭޝަންސް ޑިރެކްޓަރޭޓްއިން ބުނެފައިވެއެވެ.
މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކަކީ ގަތުލްއާންމެއްގެ ގޮތުގައި ރައީސް އުރުދުޣާން ވަނީ ސިފަކުރައްވާފައެވެ. އަދި އިސްރާއީލް ސިފައިން އެއްގަމުން އަރައި ހަމަލާ ދޭން އުޅޭ ކަމަށް ބެލެވޭތީ އެފަދަ ކަމެއް ނުކުރުމަށް އުރުދުޣާން ވަނީ އިންޒާރު ދެއްވާފައެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތުރުކީގައި ބޮޑެތި އެއްވުންތައް ބާއްވަމުންދާއިރު، އިސްރާއީލުން ވަނީ ތުރުކީގައި ތިބި ޑިޕްލޮމެޓުން އަނބުރާ ގެންގޮސްފައެވެ.
މީގެ ކުރިން މުއިއްޒު ވަނީ، އިސްރާއީލުން ގާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށާއި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހަފުތާ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާގެ ބޯޑަރުތައް އެއްކޮށް ބަންދުކޮށް، ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި ވެއްދުން މުޅިން ހުއްޓުވާފައެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުން ކާނާއަށް ޖެހި، ހޮސްޕިޓަލްތަކުން ޚިދުމަތް ނުދެވޭ ހާލަތަށް ވަނީ ގޮސްފައެވެ.
މިއަދު އިސްރާއީލުން ވަނީ، މިސްރާއީ ޣައްޒާ ގުޅޭ ބޯޑަރު ކައިރީގައި އޮތް، އެހީ ފޯރުކޮށްދޭ 20 އުޅަނދެއް ޣައްޒާއަށް ވައްދަން ފުރުސަތު ދީފައެވެ. ނަމަވެސް އެހީ ފޯރުކޮށްދޭއިރުވެސް ހަމަލާތައް ހުއްޓާލަން އިސްރާއީލުން ވަނީ ދެކޮޅު ހަދާފައެވެ.