ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ބައިނަލްއަޤްވާމީ ރިކޯޑް އޮންނަ ކެނެޑާ ގައުމީ އަންހެން ޓީމްގެ ކެޕްޓަން ކްރިސްޓީން ސިންކްލެއާ ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމައިފިއެވެ.

އުމުރުން 40 އަހަރުގެ މިކުޅުންތެރިޔާ މިހާތަނަށްވަނީ ކެނެޑާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 327 މެޗްގައި 190 ލަނޑު ޖަހާދީފައެވެ. ކްރިސްޓީން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ކުރިން ދެމެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ކެނެޑާ ގައުމީ ޓީމް ކުޅޭ ދެ މެޗެވެ.

ކްރިސްޓީން ހާމަކުރިގޮތުގައި އޭނާއަށް ވެސް މުޅި އުމުރު ނުކުޅެވޭނެކަމަށެވެ. އަދި މިއީ ގައުމީ ޓީމަށް އަލްވަދާއު ކިޔަން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް އޭނާ ބުންޏެވެ.

އުމުރުން 16 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފަށާފައިވާ ކްރިސްޓީން ވަނީ ހަ ވޯލްޑް ކަޕެއްގައި ކެނެޑާގެ ގައުމީ ޓީމް ތަމްސީލް ކޮށްފައެވެ. އަދި ޓޯކްޔޯ އޮލިމްޕިކްސްގައި ރަންމެޑަލް ހޯދި ކެނެޑާ ޓީމްގައިވެސް ކްރިސްޓީންވަނީ ހިމެނިފައެވެ.

ކްރިސްޓީންއަކީ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗްވެސް ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އެންމެ ގިނަ މެޗް ގައުމީ ޓީމަށް ކުޅެފައިވަނީ އެމެރިކާ ގައުމީ ޓީމަށް 354 މެޗް ކުޅެދީފައިވާ ކްރިސްޓީން ލިލީއެވެ.

ކްރިސްޓީން އެންމެ ފުރަތަަމަ ކެނެޑާ ތަމްސީލްކޮށްފައިވަނީ 2000 ވަނަ އަހަރު ބޭއްވި އަލްގާވް ކަޕްގައެވެ. ކްރިސްޓީންއަށް ވަނީ 2021 ވަނަ އަހަރު ފީފާއިން ދޭ ބެސްޓް ފީފާ ސްޕެޝަލް އެވޯޑް ފޯ އައުޓްސްޓޭންޑިން ކެރިއާ އެޗީވްމަންޓް ލިބިފައެވެ. މީގެއިތުރުން ކްރިސްޓީންވަނީ 14 ފަހަރެއްގެ މަތިން ކެނެޑާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.

ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓަށް ބަލާލާއިރު ފިރިހެން ކުޅުންތެރިއެއް އަންނަނީ އަންހެން ހަތަރު ކުޅުންތެރިންނަށް ފަހުއެވެ. އެގޮތުން ލިސްޓްގެ ދެވަނައިގައި އުޅޭ އެމެރިކާގެ އެބީ ވެމްބާޗްވަނީ ގައުމީ ޓީމަށް 184 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ތިންވަނައިގާ އުޅޭ އުރުދުންގެ މޭސާ ޖުބަރާހް 133 ލަނޑު ޖަހާދީފައިވާއިރު ޖަރުމަނުވިލާތުގެ ބިރްޖިޓް ޕްރިންޒް ވަނީ 128 ލަނޑު ޖަހާދީފައެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަނީ އޭގެ ފަހަތުން ފަސްވަނައަށެެވެ. އެއީ 127 ލަނޑާއެކުއެވެ.