21 Oct 2023, 23:48
އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއިން ޕާކިސްތާން ބަލިކޮށް މިފަހަރުގެ މުބާރާތުގައި ހަމަނޭވާއެއް ލައިފިއެވެ.
މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި އެޓީމް މޮޅުވި ދެވަނަ މެޗެވެ. ބެންގަލޯގެ އެމް. ޗިއްނަސުވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗް އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 62 ލަނޑުންނެވެ.
މިމެޗްގެ ޓޮސް ދިމާވުމުން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. މިގޮތުން އެންމެ ފުރަތަމަ އޮސްޓްރޭލިއާއިން ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 367 ލަނޑު ހެދިއެވެ.
މިއީނިންގްސްގައި އޮސްޓްރޭލިއާގެ އޯޕަނިން ދެ ބެޓްސްމަނުން ކަމަށްވާ ޑޭވިޑް ވޯނާ އާއި މިޝޭލް މާޝް ވަނީ ސައްތައެއް ހަދާފައެވެ. މިގޮތުން ވޯނާ 163 ލަނޑު ހަދާދިން އިރު މާޝް ވަނީ 121 ލަނޑު މިމެޗްގައި ހަދާދީފައެވެ. ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 54 ލަނޑަށް ފަސް ވިކެޓް ނަގާދިން ޝާހީން އަފްރީދީއެވެ.
ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރާ 45 އޯބަރު ތިން ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 305 ލަނޑެެވެ. ޕާކިސްތާން ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 70 ލަނޑު ހަދާދިން އިމާމުލް ހައްގުއެވެ. އަދި އަބްދުﷲ ޝަފީގު 64 ލަނޑު ހަދާދިން އިރު މުހަންމަދު ރިޒްވާން ވަނީ 46 ހަދާދީފައެވެ. މިއީނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 53 ލަނޑަށް ހަތަރު ވިކެޓް ނަގާދިން އެޑަމް ޒަމްޕާއެވެ. އަދި ޕެޓް ކަމިންސް އާއި މާކަސް ސްޓޮއިނިސްއިން ކޮންމެ ކުޅުންތެރިޔަކުވަނީ ދެ ވިކެޓް ނަގާދީފައެވެ.
މިކާމިޔާބީއާއެކު އޮސްޓްރޭލިއާއިން މިހާރު މިވަނީ ކުޅުނު ހަތަރު މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕާކިސްތާން އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އެއީ ރަން ރޭޓަށް ބަލާއިރު އޮސްޓްރޭލިއާއަށް ކުރި ލިބޭތީއެވެ.