21 Oct 2023, 14:31
މިހާރުގެ ސަރުކާރުން ރާއްޖެއަށް ބޭސްއެތެރެ ކުރުމަށް ޓަމިލްނާޑޫގެ ބަޔަކާއެކު ހަދަން އުޅޭ އެއްބަސްވުން އިހަށް މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް، އެ މަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
މ. ދިމްޔާތުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ މިކަމަކީ އިންތިގާލީ ކޮމިޓީން ކުރައްވަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ފާހަގަވި ކަމެއް ކަމަށެވެ.
އެގޮތުން މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ އެކިއެކި ބޭހާއި އެއާ ގުޅޭ އެހެނިހެން ސަޕްލައިތައް ފޯރުކޮށްދިނުމަށް ވާ ޚާއްސަ އެއްބަސްވުމެއްގެ ތެރެއިން އެސްޓީއޯ އާއި ޓަމިލްނާޑޫގެ ކުންފުންޏަކާ ދެމެދު ވާން ހަމަޖެހިފައިވާ އެއްބަސްވުމެއް ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މި މަސައްކަތަކީ ދިވެހިންގެ އާންމު އަސާސީ ޚިދުމަތްތަކާ ގުޅޭ މުހިންމު، ހައްސާސް ކަމެއް ކަމަށް ވުމުން މި މަރުހަލާގައި މިކަހަލަ މަސައްކަތެއް އެހާ ބާރަަށް ކުރިއަށް ގެންދިއުމަކީ އިންތިޚާބީ ރައީސް ކަންބޮޑުވުން ފާޅުކުރައްވާ ކަމެއް ކަމަށެވެ.
މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނަށް އޯޑަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވެ ފިރުޒުލް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އެއާއެކު ހެލްތް މިނިސްޓްރީން ބުނީ ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ތަކެތި ހުސްނުވެ ލިބޭނެ ކަމަށެވެ.