21 Oct 2023, 14:03
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒަށް ރެއާލް މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރެއާލްގެ ޓްރާންސްފާ ލިސްޓުގައި ހިމެނޭ ފޯވަޑުންގެ ތެރޭގައި އަލްވަރޭޒްގެ ނަން ހިމެނެއެވެ. ނަމަވެސް އޭނާ ގެންދަން ރެއާލުން މަސައްކަތްކުރާނީ ޖެނުއަރީ ޓްރާންސްފާއަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 23 އަހަރުގެ އަލްވަރޭޒް، ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓު ނިމުމަކަށް އަންނާނީ 2028ގެ ޖޫން މަހުއެވެ. އެހެންކަމުން ސިޓީއާއެކު އަލްވަރޭޒްގެ ކޮންޓްރެކްޓު އޮތް ގޮތުން އޭނާ ހޯދުމަށް ރެއާލަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ.
މިދިޔަ ސީޒަނުގައި ސިޓީން އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި އަލްވަރޭޒް ހިމެނުނެވެ. އޭގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
މިދިޔަ ސީޒަނަށްފަހު ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ، ރެއާލް ދޫކޮށްލުމާ ގުޅިގެން އެ ކްލަބަށް ވަނީ ފޯވަޑެއްގެ ބޭނުން ޖެހިފައެވެ. ބެންޒެމާގެ ބަދަލުގައި ސްޕެއިން ފޯވަޑް ޖޯސެލޫ، ރެއާލަށް ގެންދިޔަ ނަމަވެސް، އެ ކްލަބަށް އޭނާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.