21 Oct 2023, 13:31
ފަލަސްތީނުގެ ޣައްޒާގައި ތިބި އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދިޔަ ފުރަތަމަ ޓްރަކް ދާދި ދެންމެ އަކު ޣައްޒާއަށް ވަދެއްޖެ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ.
ޖޭރުސަލާމްގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަވާލާދީ އަލްޖަޒީރާއިން މީގެކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހީ ހިފައިގެން ދިޔަ ޓްރަކް ޣައްޒާ ގަޑިން 10 ޖަހާއިރު އެތެރެއަށް ވަދެވޭނެއެވެ.
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ގެދޮރު ގެއްލި މަގުމަތިވެފައިވާއިރު، އެ މީހުންނަށް ވަނީ އިންސާނީ އެހީ ނިހާޔަތަށް ބޭނުންވެފައެވެ.
ނަމަވެސް ފާއިތުވެދިޔަ ހަފުތާއެއްހާ ދުވަހުވެސް އެހީ ހިފައިގެން ދިޔަ ޓްރަކްތައް އޮތީ ޣައްޒާއާއި މިސްރު ގުޅޭ ރަފާ ބޯޑަރުގައި ތާށިވެފައެވެ.
މިސްރުގެ ދެކުނު ސައިނައިގެ ރެޑްކްރެސެންޓްގެ ވެރިޔާ ހާލިދު ޒައިދާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް(އޭޕީ) ނޫހުން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 3000 ޓަނުގެ އެހީ ހިފައިގެން 200 އަށްވުރެ ގިނަ ޓްރަކްތައް ބޯޑަރުކައިރީގައި ތާށިވެފައި ތިބި ކަމަށެވެ.
ޣައްޒާއަށް ކަރަންޓު ދޫކުރާ ހަމައެކަނި އިންޖީނުގެވެސް މިދިޔަ ހަފުތާގައި ބަންދުކޮށްފައިވާއިރު، އެމީހުން މިހާރު ތިބީ ކަނު އަނދިރީގައެވެ. ނަމަވެސް އެހީ ހިފައިގެން ދިޔަ މިސްރުގެ ގާފިލާއަށްވެސް ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.
އޭޕީގައިވާ ގޮތުން، ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދެވޭތޯ މިސްރުން ދަނީ މަސައްކަތް ކުރަމުންނެވެ.