21 Oct 2023, 12:59
ލޫކް ދިން ބަޔާނާއި ގުޅިގެން ސޮބާހް ހައްޔަރުކުރި ހަބަރު ލިބުމުން އާޔަތުގެ މުޅި ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ. ޒައިލްއަށް އައި ފޯނު ކޯލުގެ ވާހަކަ ޔާމީނާއި ހިއްސާކުރިއިރު، އާޔަތު ހުރީ އެ ވާހަކަ އަޑު އަހާށެވެ. ދެން ކަންތައް ވެދާނެގޮތަކާއިމެދު އާޔަތަށް ވިސްނައިލެވުނީ މާ ފަހުންނެވެ. ސޮބާހްގެ ނަންބަރުން އޭނާއަށް ގުޅާފައި އޮތުމުން ފުލުހުންގެ ތަހުގީގަށް އޭނާވެސް ހާޒިރުކުރާނެކަން އެނގުނެވެ. އާޔަތުގެ މުޅި ދުވަސް ހަރާބުވިއެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން އޭނާ ހޮސްޕިޓަލުން ނުކުތެވެ. ތަހުގީގުގައި ދައްކާނެ މޮޅު ވާހަކައަކާއިމެދު އޭނާ ދިޔައީ ވިސްނަމުންނެވެ.
********
ހޮސްޕިޓަލަށް އައީއްސުރެ މުރުޝިދާ ރުއިން ހުއްޓައެއް ނުލައެވެ. ލޯބިވާ ދަރިފުޅު އޮތް ހާލު ފެނުމުން އޭނާގެ މައިލަގޮނޑިއަށް ކެތްނުވީއެވެ. އޭނާގެ ބާރެއް އޮތްނަމަ، ދުވަހަކުވެސް ލޫކަށް ދެރަގޮތެއް ނުވީހެވެ. ލޫކް ޕްރައިވެޓް ވޯޑަށް ބަދަލުކުރުމުން މުރުޝިދާ އަވަސްވެގަތީ ގެއިން ގެނައި ކޮތަޅުތަކުގައި ހުރި ތަކެތި ކަބަޑަށް ލާށެވެ.
ލޫކް އޮތް ވޯޑުގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ވަން ނިޔަމް ހަލުވި ފިޔަވަޅުތަކެއްގައި ލޫކާއި ދިމާއަށް ދިޔައެވެ. އެ މޫނުން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި ޝަކުވާއެވެ. ކަރުނައިން ދެކޯތާފަތް ތެމިފައިވާއިރު، ކަރުނަތައް ފޮހެލާކަށްވެސް އޭނާ ނޫޅުނެވެ. ނިޔަމް ފެނުމުން ލޫކަށް ހިނިތުންވެލެވުނެވެ. ހެޔޮ ހާލުގައި ނިޔަމްއާއި ބައްދަލުވެދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
ލޫކް ފިޔަވައި އިތުރު މީހަކު އެތަނުގައި ހުރިކަން އެނގޭ ވަރަށްވުރެ ނިޔަމްގެ ހާލު ބޮޑެވެ. ނިޔަމް އެދިޔަ ބާރުމިނުގައި ގޮސް ލޫކް އޮތް އެނދު ކައިރީގައި ހުއްޓުނެވެ. ލޫކްގެ މުޅި ހަށިގަނޑަށް ފުން ނަޒަރެއް ދިނެވެ. މޫނާއި ދެއަތުގައި އަނިޔާގެ ނިޝާންތައް ފެންނަން ހުރިއިރު، ލޯކައިރިން ތަންގަނޑެއް ނޫފައިގަނެފައި ހުއްޓެވެ. އޭގެ ކުރިން ދުވަހަކުވެސް ލޫކްގެ މޫނުން ފެނިފައިނުވާފަދަ ވަރުބަލިކަމެއް އެމޫނުން ނިޔަމްއަށް ފެނުނެވެ. ލޫކްގެ ކަރުގައި އަޅާފައިވާ ބޮޑު ބޭސްގަނޑު ފެނުމުން، ނިޔަމްއަށް ހިންދިރުވައިލެވުނެވެ. އެ ޒަހަމުގައި ރިއްސާނޭވަރު އޭނާއަށް އިހުސާސްކުރެވުނެވެ.
"ޔޫ ފޫލް..." ނިޔަމްއަށް ތުން ފިއްތައިލެވުނެވެ.
"އަހަރެން ސަލާމަތުން ހުއްޓާ ފެނުނީމަ އުފަލެއް ނޫންތަ ވަނީ؟..." ލޫކް އުޅުނީ ސަމާސާކުރާށެވެ.
"މަޖަލެއް ނޫނޭ..." ނިޔަމްގެ އަޑު ކުރެހުނެވެ.
ވެދިޔަ ހުރިހާ ކަމެއްގެ ޒިންމާ ނިޔަމްއަށް އެޅުވުނީ އަމިއްލަ ބޮލުގައެވެ. ނިޔަމްއަށް އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓައެއް ނުލެވުނެވެ. ލޫކަށް އެހެން ދިމާވީ ނިޔަމް ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ. ލޫކް ނައިނަމަ، އެ އެނދުގައި އޮންނާނީ ނިޔަމްއެވެ. ލޫކަށް އަނިޔާ ލިބުނީ ނުހައްގުންނެވެ. އެ އަނިޔާ އަމާޒުވީ ނިޔަމްއަށެވެ. ވީއިރު، ނިޔަމްއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާލެވޭނެ ހެއްޔެވެ؟
"ޔަމް!... އިށީނދޭ..." ލޫކް ގޮނޑިއަށް އިޝާރާތްކުރިއެވެ.
"ކީއްވެތަ އަމިއްލަ ނަފުސާ ދޭތެރޭ ނުވިސްނަނީ؟..." ޝަކުވާގެ ރާގަކަށް ނިޔަމް ބުންޏެވެ.
"އަހަރެން ރަނގަޅޭ... ޔަމް ހަމަޖެހިބަލަ..." ލޫކް މަސައްކަތްކުރީ ނިޔަމް ހަމައަކަށް އަޅުވާށެވެ.
"ޑޯންޓް ޓޯކް..." ނިޔަމް އަމުރުކުރިއެވެ.
"އޯކޭ..." ލޫކް މަޑުމަޑުން ބުނެލިއެވެ.
"ލޫކް ތީ މޮޔައެއްތަ؟... އެހެން މީހަކު ސަލާމަތް ކުރަން ތޫނު ވަޅިއެއްގެ ކުރިމައްޗަށް އަރާނީ މޮޔައިން... އަހަރެން ކިހިނެއް އެމަންޒަރު ހަނދާން ނައްތާލާނީ... ކިހިނެއް އަމިއްލަ ނަފުސަށް މާފުކުރާނީ؟..." ގޮނޑީގައި އިށީންއިރު ނިޔަމްއަށް ރޮވެން ފަށައިފިއެވެ. " އަހަރެން ހާދަ ހާސްވިއޭ... ލޫކަށް އެނގެނީ އަބަދު މީހުން ދެރަކުރަންތަ؟..."
ނިޔަމް ރޯތީ ލޫކް އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. ގައިގައި އަޅަމުންދިޔަ ވޭނަށްވުރެ ބޮޑަށް ނިޔަމް ދެރަވުމުން އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ބޮޑުވިއެވެ.
"އައި ހޭޓް ޔޫ..." ކަރުނައިން ފުރިގެންވީ ދެލޮލުން ލޫކަށް ބަލައިލަމުން ނިޔަމް ބުނެލިއެވެ.
"އޯކޭއޭ... ބައެއް މީހުން ޝުކުރުއަދާކުރާނީ ތިގޮތަށް..." ލޫކް ސަމާސާކޮށްލިއެވެ.
"ސޮރީ..." ނިޔަމް އިތުރަށް ހިތުގައިޖެހުނެވެ.
ނިޔަމްގެ މުޅި ދިރިއުޅުމުގައިވެސް ލޫކް ވަނީ އެތައް ހިތާމައަކާއި ގޮންޖެހުންތަކަކުން އަރައިގަތުމުގައި އެހީތެރިވެދީފައެވެ. މިއަދު އޭނާގެ ފުރާނަ ސަލާމަތްވާން މެދުވެރިއަކަށް ވީވެސް ލޫކެވެ. އެ ހުރިހާ ކަމަކަށްޓަކައި ހިތުގެ އަޑިން ޝުކުރު ކުރެވުނަސް، އެކަން ހާމަކުރަން ނިޔަމް ޖެހިލުންވިއެވެ. އޭނާ ބިރުގަންނަނީއެވެ. ލޫކްގެ ހިތް ވަނީ ފޮތެއްހެން ނިއުޅިފައެވެ. އެހިތް ގޮވަމުން ދިޔައީ ނިޔަމްގެ ލޯތްބަށެވެ. އެކަމަކު، އެކުވެރިކަން ފިޔަވައި އިތުރު މަގާމެއް ނިޔަމްގެ ހިތުން ލޫކަށް ދެވޭކަށް ނެތެވެ. އެ ވާހަކަ ދުލުން ބުނާ ދުވަހަކުން، ލޫކްގެ ހިތް ޒަހަމުވާނެއެވެ.
މުރުޝިދާ ކަރު ކެހިލިއެވެ. ފެނުނު މަންޒަރުންނާއި އިވުނު އަޑުތަކުން އޭނާ ހުރީ ބަސްހުއްޓި އަޖައިބުވެފައެވެ. ނިޔަމްއެކޭ އެއްވަރަށް ލޫކްވެސް ދިޔައީ ސިއްސައިގެންނެވެ. އެތަނުގައި މަންމަ ހުރިކަން އޭނާގެ ހަނދާނުން ކައްސާލީ ކީއްވެ ހެއްޔެވެ؟ ލޫކަށް ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ނިޔަމް ފެނުމުން އޭނާ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތެނީ ކީއްވެ ހެއްޔެވެ؟
ނިޔަމް އަވަސްއަވަހަށް ކަރުނަ ފޮހެލިއެވެ. އޭގެ ކުރިން ލޫކްގެ އާއިލާގެ އެއްވެސް މީހަކާއި ބައްދަލުވެފައިނެތަސް، މުރުޝިދާ ފެނުމުން، އެއީ ލޫކްގެ މަންމަ ކަން ނިޔަމްއަށް އެނގުނެވެ. ދެމީހުން އެހާވެސް ވައްތަރެވެ. ނިޔަމް ލަދުގަތެވެ. ދެލޯ ހަނިކޮށްލަމުން ލޫކަށް އަވަސް ނަޒަރެއް ދިނެވެ. އެތަނުގައި މީހަކު ހުރި ވާހަކަ ނުބުނުމުން ޝަކުވާކުރާ ކަހަލަ ގޮތަކަށެވެ. ލޫކް ދެކޮނޑު އަރުވައިލަމުން އޭނާގެ މައްސަލައެއް ނެތްކަމުގައި ބުނެދިނެވެ.
"ސޮރީ ދައްތާ..." ނިޔަމް މާފަށް އެދިފައި އަވަސް އަވަހަށް އެތަނުން ދިޔައެވެ. ނިޔަމް ހުއްޓުވަން މުރުޝިދާ އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު އެ ފުރުސަތެއް ނުލިބުނެވެ.
"ކޮން ކުއްޖެއް އެއީ؟..." މުރުޝިދާގެ މޫނުން ފެނުނީ ޝައުގުވެރިކަމެވެ.
"ރައްޓެއްސެއް..." ލޫކް ލޯ މަރައިލީ އިތުރު ސުވާލަކަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
"މަންމައަކަށް ހިއެއްނުވޭ ހަމައެކަނި ރައްޓެއްސެއް ހެނެއް..." ކުރަންހުރި މަސައްކަތް ބަހައްޓާފައި، މުރުޝިދާ ގޮސް ލޫކްގެ ކައިރީގައި އިށީނެވެ. ލޫކް ލޯ މަރައިގެން އޮތީއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. "ދަރިފުޅު އެކުއްޖާއަށް ބަލަން އޮތް ގޮތް މަންމައަށް ފެނުނޭ... އޭނަ ސަލާމަތްކުރަންތަ ދަރިފުޅު ތިހާލުގަ..." މުރުޝިދާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ހަމަލާ ލިބުނު ވަގުތު ލޫކަށް ލިބޭނެ ސިހުމާއި ގައިގައި އަޅާނޭ ވޭން އޭނާއަށް އަންދާޒާވެސް ނުކުރެވެއެވެ.
"މަންމާ!... މަންމަ އަބަދުވެސް ބުނަމެއްނު އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާށޭ..."މުރުޝިދާގެ އަތްމަތީގައި އަތް ބާއްވައިލަމުން ލޫކް ބުނެލިއެވެ.
"ތީ މަންމަގެ ދަރިއެއް... މަންމަ ފަހުރުވެރިވޭ..." އަޑު ކުރެހެމުންދިޔަ ނަމަވެސް ހިތްވަރުކޮށްފައި މުރުޝިދާ ވާހަކަ ދެއްކިއެވެ.
ދެމައިންގެ މެދުގައި ހޭދަވެގެންދިޔައީ ޖަޒުބާތުން ފުރިގެންވީ ވަގުތުކޮޅެކެވެ. މުރުޝިދާއަކީ ފަސޭހައިން ހިތުގައިޖެހޭ މީހެކެވެ. ހިތުގެބަލި ހުންނާތީ އަވަސް އަވަހަށް ރޮވެއެވެ. މަންމަގެ އަތުގައި ހިފާލައިގެން ލޫކް އޮތެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ނިޔަމް ބޭނުންވީ ވީ އެންމެ އަވަހަކަށް ގެއަށް ދާށެވެ. އެންމެންގެ ނަޒަރުން ސަލާމަތްވެ، އެކަނިވާށެވެ. އޭނާގެ ސަބަބުން އެހެން މީހުން ތަކުލީފު އުފުލާ ތަން ބަލަން ނިޔަމްއަށް އުނދަގުލެވެ. ހާއްސަކޮށް ޔާމީން ހުރުމުން ނިޔަމްއަށް އުނދަގޫވިއެވެ.
"ކުޑަ ދުވަސްކޮޅަކަށް ގެއަށް ދާނީ ދޯ؟... މިދުވަސްކޮޅު އެކަނި އުޅެން އެހާ ރަނގަޅެއް ނުވާނެ..." ޔާމީން ހިޔާލުދިނީ އޭނާގެ ގެއަށް ނިޔަމް ދިޔުމަށެވެ.
ނިޔަމް އެކަނިކޮށްލަން ޔާމީން ޖެހިލުންވަނީއެވެ. ސޮބާހު ހައްޔަރުކުރެވުނަސް، ހުރިހާ ކަމެއް ރޭވި މީހަކު މުޖުތަމައުގެ ތެރޭގައި އުޅޭނެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އެމީހަކު ނިޔަމްއަށް ގެއްލުންދޭން މަސައްކަތް ކުރާނެއެވެ. ޔާމީނުގެ ގޭގައި ނިޔަމްއަށް ހަމަލާއެއް ދޭން އެމީހަކަށް އުނދަގޫވާނެކަމަށް އޭނާ ގަބޫލުކުރިއެވެ. އޭނާއަށް ނޭނގުނީ ހުރިހާ ކަމެއް ފެށުނީ އެގޭތެރެއިން ކަމެވެ. މުޅި މާލެއިންވެސް ނިޔަމްއަށް އެންމެ ރައްކާތެރިނޫން ތަނަކީ އެ ގެ ކަމެވެ.
"އަހަރެން ބޭނުމެއް ނޫން ދާކަށް..." އަރުޝާ ނިޔަމްގެ އެއްޗެހިތައް ފޮށްޓަށް އަޅައިދޭން ފެށުމުން ނިޔަމް ބުންޏެވެ.
"މިފަހަރު ދެން އޭނަ ބުނާގޮތަށް ހަދާ... އެއީ ޔަމްއަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް..." އަރުޝާ ހިޔާލުދިނެވެ. "ވަށައިގެން ކެމެރާވެސް ހަރުކޮށްފަ ހުންނަ ތަނެއް އެއީ... ސެކިޔުރިޓީންވެސް ތިބޭނެ... ފަސޭހައެއް ނުވާނެ އެތަނަށް ވަންނާކަށް..."
ނިޔަމް ޔާމީނުގެ ގެއަށް ދިޔައީ ހިތާއި ދެކޮޅަށެވެ. އޭނާ އެ ނިންމުން ނިންމީ، އަރުޝާގެ އިރުޝާދުގެ މަތިން އެވަގުތަށް އެއީ އެންމެ ރަނގަޅުގޮތްކަމަށް ނިންމާފައެވެ. އެކަމަކު، ނުޒުހަތު އެ ގޭގައި ނެތީސް، އެފަދަގޮތަކަށް ދާންވެސް ނިޔަމް ޖެހިލުންވިއެވެ. މައްސަލަ ގޯސްވާނެއޭ އޭނާގެ ހިތް ބުންޏެވެ.
"މީ ހަމަ އަމިއްލަ ގެ ކަމުގަ ބަލާ... މިގޭގަ ތި ދެމައިންނަށް މަނާވާނެ އެއްވެސްކަމެއް ނޯންނާނެ... ނުވަދެވޭނެ އެއްވެސް ތަނެއްވެސް ނޯންނާނެ...." ނިޔަމް މާ މަޑުން ހުރުމުން ޔާމީން ބުންޏެވެ.
އަރުޝާ ދާވިއަން ގޮވައިގެން ފިހާރައިން އެއްޗެއް ގަންނަން ދިޔުމުން ޔާމީނާއި ނިޔަމް އެކަނިވިއެވެ. ނިޔަމް އޭނާގެ ދަބަހުގައި އޮތް ޔާމީންގެ ވޮލެޓު ނެގިއެވެ. އެއީ ނިޔަމް އުޅޭ ގެއަށް ދިޔަ ދުވަހު، ޔާމީނަށް އެގޭގައި ބޭއްވުނު ވޮލެޓެވެ. ވޮލެޓު ދޭނެ ހިތްވަރު ނެތިފައި ނިޔަމް އިރުކޮޅަކު އިނެވެ.
"ދައްތަގެ ކަންތަކާ މާ ބޮޑަށް ނުވިސްނައްޗޭ!... ދައްތަ ހަމަޖެހުނީމަ ގެއަށް އަންނާނެ..." ޔާމީންގެ ޖުމުލަ ފުރިހަމަވުމާއިއެކު ނިޔަމް އޭނާގެ އަތުގައި އޮތް ވޮލެޓު ދިއްކޮށްލިއެވެ.
ވޮލެޓުގައި ހިފިއިރު، ޔާމީންގެ ނަޒަރު ވަނީ ނިޔަމްގެ މޫނަށް ހުއްޓިފައެވެ. ނިޔަމްގެ މޫނުން އޭނާ ބޭނުންވި ޖަވާބު ލިބުނު ކަހަލައެވެ.
"ވޮލެޓު ނުފެނިގެން ވަރަށް ގިނަ ތަންތަން ހޯދައިފީމޭ..." ފުން ނޭވާއެއް ދޫކޮށްލަމުން ޔާމީން ބުންޏެވެ. "ނާހާނަންތަ ކީއްވެތޯ މީގަ ނިޔަމްގެ މަންމަގެ ފޮޓޯއެއް އޮތީ؟..."
ނިޔަމް ބޯ ޖަހައިލިއެވެ. ހަގީގަތް އެނގެންވެސް އޭނާ ބޭނުންވެއެވެ. އެކަމަކު، އެ ހަގީގަތްދެކެ އޭނާ ބިރުގަނެއެވެ. އެ ހުރިހާ ދުވަހުވެސް ނިޔަމް ދިރިއުޅުނީ އެ ހަގީގަތާއި ނުލައެވެ. ވީއިރު، މިއަދު ހަގީގަތް އެނގުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
"ނިޔަމް އެއްވެސް ކަމެއް އެނގެން ބޭނުންވާ ދުވަހަކުން ސުވާލުކުރޭ... ހުރިހާ ވާހަކައެއް ކިޔާދޭނަން..." ނިޔަމްގެ މޫނުން ނަޒަރު ވަކިކޮށްލަމުން ޔާމީން ބުންޏެވެ.
އަރުޝާ އައުމުން ޔާމީން ތެދުވިއެވެ. ކޮޓަރިއަށް ދަމުން އޭނާ މޭޒުމަތީގައި ބޭއްވީ ފަތްޖަހާލާފައި އޮތް ކަރުދާސްގަނޑެކެވެ. ނިޔަމް އިނީ އެއީ ކޯއްޗެއްތޯ ބަލައިލަންވެސް ނުކެރިފައެވެ. ނިޔަމްގެ ހުއްދައާއިއެކު ކަރުދާސްގަނޑުގައިވާ އެއްޗެއް ބެލީ އަރުޝާއެވެ. އަރުޝާ ދެލޯ ބޮޑުކޮށްލަމުން ނިޔަމްގެ މޫނަށް ބަލައިލިއެވެ.
"ޔަމްގެ ބައްޕަތަ އެއީ؟..." ސުވާލުން ފުރިގެންވީ ނަޒަރަކުން ނިޔަމްގެ މޫނަށް ބަލައިލަމުން އަރުޝާ އަހައިލިއެވެ. "މީ ޑީއެންއޭ ޓެސްޓް ރިޒަލްޓްސް..."
ނިޔަމް އުނދަގޫގޮތަކަށް ހިންދިރުވައިލިއެވެ. ހަގީގަތަކީ، ޔާމީންގެ ވޮލެޓުން އޭނާގެ މަންމަގެ ތަސްވީރު ފެނުނު ވަގުތުން ފެށިގެން ނިޔަމްގެ ހިތުގައި އޭނާގެ ބައްޕައާއިމެދު ޝައްކު އުފެދިފައިވާ ކަމެވެ. އެކަމަކު އެއީ ހަގީގަތަކަށްވާން އޭނާ ބޭނުން ނުވީއެވެ.
(ނުނިމޭ)