21 Oct 2023, 12:34
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވީ އެންމެ ގިނަ ދުވަހަކު ޖަލުގައި ބަންދުކޮށްފައި ބަހައްޓައި ދިނުމަށް މައްސަލާގައި ތުހުމަތު ކުރެވޭ ދިވެއްސެއް އިއްޔެ ކޯޓުގައި އެދެފިއެވެ.
ޕާކެއްގެ ކައިރިން ފޯނެއް ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރު ކޮށްފައިވަނީ 60 އަހަރުގެ ދިވެއްސެކެވެ.
ކުރިމިނަލް ކޯޓުން ކުރި އަމުރު ބުނާގޮތުން އެ މީހާ ވަނީ ކުށްކުރި ކަމަށް އިއުތިރާފް ވެފައެވެ.
އެ މީހާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށް ދެވިހިފާފައިވާ މީހެއް ކަމަށެވެ. މަސްތުވުމާއި ވައްކަމުގެ މައްސަލަތަކުގެ ސަބަބުން އާއިލާއިން އޭނާ ބަލައި ނުގަންނަ ކަމަށް ވެސް ކޯޓުގައި ބުނެފައިވެއެވެ. އެއަށް ފަހު އޭނާ އެދިފައިވަނީ ބަންދު ކުރެވެން އިން އެންމެ ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައި ދިނުމަށެވެ.
އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އެ މީހާ 30 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.