21 Oct 2023, 11:42
ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ކަމަށް މަސައްކަތްކުރަމުން އަންނަ ހަމާސް ޖަމާއަތުން މި މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންދިޔަ އެމެރިކާގެ ދެމައިން ދޫކޮށްލައިފިއެވެ.
އެ ދެ މީހުން ދޫކޮށްލާ ވީޑިއޯއެއްވެސް ހަމާސްގެ އަސްކަރީ ގޮފި، އަލް ބްރިގޭޑުން ވަނީ އާންމުކޮށްފައެވެ.
ހަމާސްއިން ދޫކޮށްލާފައި ވަނީ މަންމަ އަކާއި އަންހެންދަރިފުޅެވެ. 18 އަހަރުގެ ނަތާލީ ރަނާން އާއި 60 އަހަރުގެ ޖުޑިތް ތާއި މިހާރު ވަނީ އިސްރާއީލް ސިފައިންގެ ބެލުމުދަށުގައެވެ.
އެމެރިކާގެ އެންބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެމައިންނަނީ އެ ނޫހުގެ ކުރީގެ ރިޕޯޓަރު މާޓިން ފްލެޗާގެ އާއިލާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެމީހުން މިނިވަން ވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދެމީހުންނަށް ގުޅައި ހާލު ބައްލަވާފައި ކަމަށް އެންބީސީ ނޫހުން ރިޕޯޓުކުރެއެވެ. ދެ މީހުން މިނިވަން ކުރުމަށް ގަތަރުން ކުރި މަސައްކަތަށް ބައިޑެން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ނަތާލީ އާއި ޖުޑިތް އިސްރާއީލް ސިފައިންނާއެކު: ފޮޓޯ/އޭޕީ ނޫސް
ހަމާސްއިން ދޫކޮށްލި ދެމައިންގެ ހާލު ރަނގަޅު ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. ޖުޑިތްގެ ކުރީގެ ފިރިމީހާ އޫރޫ ރާނަންއާ ހަވާލާދީ އޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމައިންގެ ހާލުވެސް ރަނގަޅެވެ. އަދި ހަމާސްއިން އެ މީހުންނަށް އެއްވެސް އަނިޔާއެއް ދީފައިނުވާ ކަމަށްވެސް އޫރީ ވަނީ ބުނެފައެވެ.
ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޖަމާއަތުން ހައްޔަރުގައި ތިބި އެމެރިކާގެ ދެ މީހުން މިނިވަން ކޮށްފައިވަނީ އިންސާނީ ސަބަބުތަކަށްޓަކައެވެ. އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެމެރިކާ ސަރުކާރުން ކޮށްފައިވާ ތުހުމަތު ތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން އެމެރިކާގެ ރައްޔިތުންނަށާއި ދުނިޔެއަށް ޔަގީން ކޮށްދޭން ކަމަށެވެ.
އިސްރާއީލްގެ ގާތްގަޑަކަށް 200 މީހުން ހަމާސްގެ ބެލުމުގެ ދަށުގައު އެބަތިއްބެވެ.