21 Oct 2023, 11:46
ބްރައިޓަންގެ ކޯޗު ރޮބާޓޯ ޑި ޒާބީއަކީ ބޮޑު ކޮންމެ ކްލަބަކަށް ވެސް އިރުޝާދުދިނުމުގެ ފެންވަރު ހުރި ކޯޗެއް ކަމަށްބުނެ، އޭނާއަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ތައުރީފުކޮށްފިއެވެ.
ކުރިއަށްއޮތް އަހަރުތަކުގައި ސިޓީގެ ކޯޗުކަމުން ޑި ޒާބީ ފެނުމާ މެދު ދެކެނީ ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތަކާއެކު ޑި ޒާބީއަށް ކާމިޔާބު ހޯދޭނެ ފެންވަރު އެބަހުރި ކަމަށެވެ.
"އަހަރެންނަށް ޔަގީން ޑި ޒާބީއަކީ ކޮންމެ ޓީމަކަށް ވެސް ކޯޗުކަން ކޮށްދެވޭނެ ކޯޗެއްކަން. އަހަރެން އެކަމާ މެދު ޝަކެއް ނުކުރަން. އަހަރެން ބާސެލޯނާއާ ފުރަތަމަ ހަވާލުވީ ހަތަރުވަނަ ޑިވިޝަނުން އެއްވެސް ތަޖުރިބާއެއް ނެތި. ވަރުގަދަ ކްލަބުތަކަށް ކޯޗުކަން ކޮށްދޭން ކޮންމެހެން ކުރިން ވަރުގަދަ ކްލަބަކަށް އިރުޝާދުދީފައި ހުރުން މުހިންމެއް ނޫން،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ކްލަބުތަކަށް ކޯޗުން ހޯދާނީ ޓެކްނިކަލް ޑިރެކްޓަރުންގެ ވިސްނުމާއެކު ކަމަށާއި ކުޅުންތެރިން ވެސް ހޯދަނީ އެގޮތަށް ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ސިޓީގެ ކޯޗުކަމުގެ މަގާމުން ޑި ޒާބީ ފެންނާނެކަން ނޭނގޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
"އެއީ އަހަރެންނާ ބެހެވޭ ކަމެއް ނޫން. އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ނިންމުމަކީ އަހަރެންގެ ޒިންމާއެއް ނޫން. އަހަރެންނަކީ ސްޕޯޓިން ޑިރެކްޓަރެއް ނޫން. އަހަރެންނާ ކްލަބުން އެ ސުވާލު ކޮށްފި ނަމަ، އަހަރެން ދޭނީ އަހަރެންގެ ހިޔާލު،" ސިޓީގެ ކޯޗުކަމަށް ޑި ޒާބީ ގެންނަން ފެނޭތޯ ކުރި ސުވާލަށް ޖަވާބުދެމުން ގާޑިއޯލާ ބުންޏެވެ.
އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ސިޓީން ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 7:00 ގައެވެ. ލީގުގައި މިވަގުތު 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ސިޓީ އޮތް އިރު، ބްރައިޓަން އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.