21 Oct 2023, 10:48
އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ނޯވޭގެ ބައިނަލްއަޤްވާމީ ފޯވާޑް އާލިން ހާލަންޑަށް ބެލޮންޑިއޯ އިނާމް ލިބުން ހައްގު ކަމުގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.
ޕެޕް މިކަން ހާމަކޮށްފައިވަނީ ޕްރިމިއާ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
މި އިނާމް ހާލަންޑަށް ލިބުން ހައްގު ކަމަށް ޕެޕް ހާމަކުރާއިރު އޭނާ މިހާތަނަށް ކޯޗް ކޮށްދިން އެންމެ މޮޅު ކުޅުންތެރިޔާކަމަށް ޕެޕް ހާމަކުރާ އާޖެންޓީނާގެ ލިއޮނެލް މެސީއަށްވެސް މި އިނާމް ހައްގުވާ ކަމަށް އޭނާ ބުނެއެވެ.
މި މަހު ފަހުކޮޅު ދިނުމަށް ހަމަޖެހިފައިވާ ބެލޮން ޑިއޯ އިނާމަށް މި ފަހަރު އެންމެ ބޮޑަށް ވާދަކުރާ ދެކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހާލަންޑާއި މެސީ ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހާލަންޑް ވަނީ މިދިޔަ ސީޒަންގައި ސިޓީއަށް ތިން ތަށި ހޯދާދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން މިތިން ތަށި ކާމިޔާބުކުރިއިރު ހާލަންޑް ވަނީ 52 ލަނޑުވެސް ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު ސިޓީގެ ތާރީހްގައި ފުރަތަމަ ފަހަރަށް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބު ކޮށްދިނުމުގައި ވެސް ހާލަންޑްގެ ހިއްސާ ބޮޑެވެ.
މެސީ ވަނީ މިދިޔަ އަހަރު އާޖެންޓީނާއަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ޕެޕް ސިފަކުރާގޮތުގައި މެސީއަކީ އޭނާ ކޯޗް ކޮށްދިން އަދި ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އަދި ޕެޕް ހާމަކުރިގޮތުގައި އޭނާ އަބަދުވެސް ބުނަނީ ބެލޮން ޑިއޯގެ ދެ ބައެއް އޮންނަން ޖެހޭ ކަމަށާއި އެއީ މެސީއަށް ދޭ ބެލޮންޑިއޯ އާއި ދެން އެހެން ކުޅުންތެރިންނަށް ދޭ ބެލޮންޑިއޯ އިނާމް ކަމަށެވެ.
ޕެޕް ހާމަކުރިގޮތުގައި ހާލަންޑަށް މި އީނާމް ހައްގު ކަމަށާއި ސިޓީއަށް މިދިޔަ ސީޒަންގައި ތިން ތަށި ކާމިޔާބު ކުރެވުނީ ހާލަންޑް ކާމިޔާބުކުރި 52 ލަނޑާއެކު ކަމަށެވެ. އަދި އެގޮތުން އޭނާ މި އިނާމް ހާލަންޑަށް ލިބެން ބޭނުންވާކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި މި އިނާމް މެސީއަށް ލިބުނަސް އެދިނީ ހައްގު ގޮތުގައި ނޫން ކަމަށް އޭނާ ނުބުނާނެ ކަމަށެވެ. އެހެން ކަމުން މި ދެ ކުޅުންތެރިންނަށް މި އިނާމް ލިބުން ހައްގު ކަމަށް ޕެޕް ހާމަކުރިއެވެ.