އިސްރާއީލް ސިފައިންނަށް ޔުނިފޯމް ފަހައިދޭ އިންޑިއާގެ ކުންފުންޏަކުން އެކަން ކުރުން ހުއްޓާލައި އިސްރާއީލާ ވިޔަފާރީގެ ގުޅުން ކަނޑާލައިފިއެވެ.

ދަ ނޭޝަނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުންފުނިން މިގޮތަށް ނިންމީ އިސްރާއީލްގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް މިހާރު ދެމެންގެންދާ ހަމަލާތަކުގައި، ޣައްޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލް އަލް އަހްލީ ހޮސްޕިޓަލަށް ބޮން އަޅައި 800 އަށްވުރެ ގިނަ ކުށެއް ނެތް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށްލުމުންނެވެ.

އެ ކުންފުންޏަކީ އިންޑިއާގެ ކެރެލާގެ ދެކުނު ސްޓޭޓްގެ ކަންނޫރުގައި ހުންނަ މަރިޔަން އެޕަރަލް ޕްރައިވެޓް ލިމިޓެޑެވެ. އެ ކުންފުނިން އައީ 2015 ވަނަ އަހަރުން ފެށިގެން އިސްރާއީލް ސިފައިންގެ މުއްސަސާއަށް އަހަރަކު 100،000 ޔުނީފޯމް ފަހައިދެމުންނެވެ.

މަރިޔަން ހޮސްޕިޓަލުން ފަހާފައިވާ ޔުނިފޯމްތަކެއް: ފޮޓޯ/ދަ ނޭޝަނަލް ނޫސް

"ހޮސްޕިޓަލުގެ ހަމަލާއިން އަހަރެމެންނަށް ވަރަށް ބޮޑަށް އުނދަގޫވި. ކުޑަކުދިން، އަންހެނުން، އާންމު ރައްޔިތުން މަރުވަމުން އެބަދޭ." ކުންފުނީގެ ޑިރެކްޓަރު ތޯމަސް އޮލިކަލް ދަ ނޭޝަނަލްއަށް ވިދާޅުވިއެވެ.

އަސާސީ ބޭނުންތަކަށް ބޭނުންކުރާނެ ބޭހާއި ކާބޯތަކެތި އަދި ތެޔޮ ޣައްޒާއަށް އެތެރެކުރުންވެސް އިސްރާއީލުން މަނާކޮށްފައިވާކަން ފާހަގަކޮށް އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ކަމެއް ނޫނެވެ. އަދި މިހާރު ހުރި އޯޑަރުތައް ނިމުމުން ހަނގުރާމަ ނިމި ސުލްހަ ނުވަނީސް އިތުރު އޯޑަރެއް ނުނަގާނެ ކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުންވެސް، އެ ކުންފުންޏަށް ވަނީ 50000 ޔުނިޓްގެ އޯޑަރެއް ލިބިފައެވެ. އަދި އޯޑަރު ނިންމުމަށް 1500 އަންހެނުން ވަނީ ހަފުތާއެއް ވަންދެން މަސައްކަތް ކޮށްފައި ކަމަށްވެސް ދަ ނޭޝަން ނޫހުން ރިޕޯޓުކުރެއެވެ.

މަރިޔަން ކުންފުނީގެ ވެރިޔާ ތޯމަސް ފޮޓޯ/ދަ ނޭޝަނަލް ނޫސް

ހެޑް އޮފީސް މުމްބާއީގައި ހުންނަ އެ ކުންފުނީގެ މަސައްކަތްތައް 2008 ވަނަ އަހަރުން ފެށިގެން ކުރަނީ ކަންނޫރުގައެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ އިތުރުން ނޭޝަނަލް ގާޑް އެންޑް ފަޔާ ސާވިސް އޮފް ކުވައިތު، ގަތަރު އެއާ ފޯސް، ސައުދީގެ އަރަމްކޯ އަދި ފިލިޕީންސްއަށްވެސް އެ ކުންފުނިން ޔުނިފޯމް ފަހައިދެއެވެ.