ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކީ އާންމުކޮށް ލޯބީގެ ވާހަކަތައް ފެށިގެން އަންނަ ތަނެއް ނޫނެވެ.

ނަމަވެސް ޣައްޒާގައި ހުރި އެންމެ ދުވަސްވީ ހޮސްޕިޓަލް ކަމުގައިވާ އަލް އަހްލީ އަރަބި ހޮސްޕިޓަލަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާ ދިން ތަނެއް ނޫނެވެ. އެއީ އެއަށްވުރެ މާ ހިތްގައިމު ފޮނި ހަނދާންތަކެއް އޮތް ތަނެކެވެ.

އަލް އަހްލީ އަރަބި ހޮސްޕިޓަލް ނުވަތަ "އެންމެންގެ އަރަބި ހޮސްޕިޓަލް" އަކީ ޣައްޒާއަށް އުފަން ހައްމާމް ފަރާހްގެ ނަސްލު ދެމިގެން ދިއުމުގެ އަސްލެވެ. އެންމެ ފޮނި ހަނދާންތައް ގުޅިފައިވާ ތަނެވެ.

ހޮސްޕިޓަލަށް ޒިޔާރަތްކުރި އެމެރިކާ ޑޮކަޓަރަކާއެކީ އިލިޔާސް، ދުނިޔޭގެ ގިނަ ގައުމުތަކުން މި ހޮސްޕިޓަލަށް ޑޮކްޓަރުން ޒިޔާރަތްކޮށްފައިވޭ-- ފޮޓޯ: އަލް ޖަޒީރާ

އެ ހޮސްޕިޓަލްގައި ފަރާހްގެ ކާފަ އިލިއާސް ފަރާހް މަސައްކަތް ކުރަން ފެށިއިރު، ކާފަގެ އުމުރުންވީ އެންމެ 17 އަހަރެވެ.

މީގެ 80 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ހޮސްޕިޓަލްގައި ކާފަ މަސައްކަތްކުރީ ކެފޭގައި ސާވަރެއްގެ ގޮތުގައެވެ. އޭގެފަހުން ފަހުން ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް ސާމާނު ހޮސްޕިޓަލަށް ގަތުމުގެ ޒިންމާ ނަގައި، ޕްރޮކިއުމަންޓް މެނޭޖަރަކަށް ބަދަލުވިއެވެ.

ހޮސްޕިޓަލްގައި މަސައްކަތްކުރިއިރު، ފަރާހްގެ ކާފައަށް އޭނާގެ މާމަ، ލޭޑީ ސޫރާ އާ ދިމާވެއެވެ. ރިފިއުޖީ ކޭމްޕެއްގެ އިލަމެންޓްރީ ސްކޫލް ޕްރިންސިޕަލަކަށް އޭރު މަސައްކަތްކުރި ސޫރާ އަކީ އެ ހޮސްޕިޓަލަށް ވަރަށް ގިނައިން ގޮސް އުޅުނު މީހެކެވެ. އެންމެފަހުން ދެމީހުން ކައިވެނިކޮށް ހޮސްޕިޓަލްގެ ކޮރިޑޯއިން ފެށުނު ލޯބި އެތައް ނަސްލަކަށް ދެމިގެން ދިޔައީއެވެ.

ނަމަވެސް ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއަށް ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި، އެ ހޮސްޕިޓަލް މިހާރު ވަނީ ބިމާ ހަމަކޮށްފައެވެ. ބޮމުގެ ހަމަލާގައި 800 މީހުން ވަނީ ޝަހީދުވެސްވެފައެވެ.

އިލިޔާސް އާއި ސޫރާ ފޮޓޯ/ރޮއިޓާސް

ފަރާހް އަލްޖަޒީރާއަށް ބުނިގޮތުގައި ކާފަ އާއި މާމަ އެ ހޮސްޕިޓަލުން ދިމާވުމުގެ އިތުރުން އޭގެ 40 އަހަރު ފަހުން އޭނާއާއި ދައްތަ ވެސް ވިހެއީ އެ ހޮސްޕިޓަލްގައެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރެއްގެ ގޮތުގައި ކެނެޑާގައި މިހާރު މަސައްކަތް ކުރަމުން އަންނަ ފަރާހް އެންމެ ފަހުން ޣައްޒާ އަށް ގޮސްފައި ވަނީ މީގެ 23 އަހަރު ކުރިން ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ކާފަ އަބަދުވެސް އެ ހޮސްޕިޓަލަށް އޭނާ ގެންދާ ކަމަށާއި، އެއީ ގިނަ ބަޔަކު އެއްވެ ބޮޑެތި ކެއުންތައް ބާއްވާ ވަރަށް އެކުވެރި މާހައުލެއް އޮންނަ ތަނެއް ކަމަށް ފަރާހް ފާހަގަކުރިއެވެ.

ހޮސްޕިޓަލްގައި ބޮން ގޮއްވާލި ކަމުގެ ހަބަރު ލިބުމާއެކު، ފަރާހް އެންމެ ފުރަތަމަވެސް ބެލީ ޣައްޒާގައި ތިބި އޭނާގެ އާއިލާގެ ބައެއް މީހުންގެ ހާލެވެ. ބޮމުގެ ހަމަލާގައި ފަރާހް އާއިލާގެ އެއްވެސް މެމްބަރަކަށް ގެއްލުމެއް ނުވެއެވެ.

ނަމަވެސް ޣައްޒާގައި ތިބި އޭނާގެ ބޮޑު ދައިތައިންނާ، ބޮޑު ބޭބެއިން އަދި ދެބެންގެ ދެ ދަރި ކުދިންވެސް ތިބީ ވަރަށް ހާލުގައި ކަމަށް ފަރާހް ބުންޏެވެ. އަދި އެ މީހުން ކަނީ ހިކި ޕާސްތާއާއި މަސް ދަޅު ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ އެހެން ތަކެތިވެސް ހުސްވާން ކައިވެރިވެފައިވާ ކަމަށް ފަރާހް ވަނީ އަލްޖަޒީރާއަށް ކިޔައިދީފައެވެ.

ފަރާހް އެންމެ ފަހުން ޣައްޒާއަށް ދިޔައީ 2007 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 17 އަހަރެވެ. ނަމަވެސް އެއީ ޣައްޒާއަށް ދެވޭނެ އެންމެ ފަހު ފަހަރު ކަމެއް އޭނާ އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ. ފަރާހްގެ އާއިލާ ދިރިއުޅެނީ ޔޫއޭއީގައެވެ. ކޮންމެ ހޫނު މޫސުމަކީ އެ މީހުން ޣައްޒާއަށް ޒިޔާރަތްކުރާ ދުވަސްވަރެވެ. 2007 ވަނަ އަހަރުވެސް އެބުރި ޔޫއޭއީއަށް ދިޔައީ ޖެހިގެން އަންނަ އަހަރުގެ ހޫނު މޫސުމުގައިވެސް ޣައްޒާއަށް ޒިޔާރަތް ކުރާނެ ކަމަށް އާއިލާގެ އެންމެން ކައިރީ ބުނެފައެވެ. ހީކުރިގޮތާ ޚިލާފަށް ހަމަ އެ އަހަރު އިސްރާއީލުން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށްފައެވެ.

ހޮސްޕިޓަލްގައި ބޭއްވި ފަރާހްގެ އާއިލީ ހަވީރެއް: ފޮޓޯ/އަލްޖަޒީރާ

އޭގެފަހުން ޣައްޒާއަށް ނުދެވި އެތައް ދުވަހެއް ވީއިރު، ފަހަރަކު މީހަކު މިދުނިޔެއާ ވަކިވެގެން ދިޔައީ ކަމުގައިވެސް ފަރާހްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. ދެހާސް ނަވާރަ ވަނަ އަހަރު ދުނިޔެ ދޫކުރި އޭނާގެ މާމަގެ ހަނދާނުގައި ފަރާހް ލިޔުނު ގޮތުގައި ޣައްޒާގައި ބައްދަލުކުރުމަށްވުރެ، އާޚިރުގައި މާމައާއި ބައްދަލުކުރުން މާ ފަސޭހަ ވާނެއެވެ.

މިއީ އަދި ޣައްޒާގެ އެންމެ މީހެއްގެ ވާހަކައެވެ. ޣައްޒާގެ އެންމެ ގިނަ ދުވަސްވީ ހޮސްޕިޓަލް ސުންނާފަތިކޮށް ބިމާ ހަމަކޮށްލިއިރު، އެތައް ބައެއްގެ ހަނދާނާއި އެތަން ގުޅިފައިވާނެ ކަން އެއީ ހަމަ ޔަގީންކަމެކެވެ.