21 Oct 2023, 13:53
ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބާއްވައިފިއެވެ.
އިއްޔެ ބޭއްވި ގުރުލުމުގައި 16 ޓީމެއް ހަތަރު ގްރޫޕަކަށް ބަހާލެވިގެން ދިޔައެވެ.
މި ފަހަރުގެ ގުރުއަތުލުމުގައި އެންމެފަހުގެ ޗެމްޕިއަން ސްޕެއިންގެ އެފްސީ ބާސެލޯނާ ހިމެނިގެންދިޔައީ ގްރޫޕް އޭ ގައެވެ. މިގްރޫޕްގައި ބާސާ އާއި އެކު ދެން ހިމެނިގެންދިޔައީ ސްވިޑްންގެ ރޮސެންގާޑް، ޕޯޗުގަލްގެ ބެންފީކާ އަދި ޖަރުމަނުވިލާތުގެ އެއިންޓްރެކްޓް ފްރޭންކްފާޓްއެެވެ.
މި ފަހަރުގެ ގްރޫޕް ސްޓޭޖްގެ އެހެން ގްރޫޕް ތަކަށް ބަލާލާއިރު ގްރޫޕް ބީގައި ހިމެނެނީ ފަރަންސޭސިވިލާތުގެ އޮލިމްޕިކް ލިއޯން އާއި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާހާ، އޮސްޓްރިއާގެ ސެއިންޓް ޕޯލްޓެން އަދި ނޯވޭގެ ބްރާންއެވެ.
ގްރޫޕް ސީގައި ހިމެނެނީ ޖަރުމަނުވިލާތުގެ ބަޔޭން މިޔުނިކާއި ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖާމެއިން، އިޓަލީވިލާތުގެ އޭއެސް ރޯމާ އަދި ނެދަލަންޑްސްގެ އަޔެކްސް އެމްސްޓަޑަމްއެވެ.
ގްރޫޕް ޑީއަށް ބަލާލާއިރު ހިމެނެނީ އިންގްލަންޑްގެ ޗެލްސީ، ސްޕެއިންގެ ރެއާލް މެޑްރިޑް، ސްވިޑްންގެ ހާކެން އަދި ފަރަންސޭސިވިލާތުގެ ޕެރިސް އެފްސީއެވެ.
މިފަހަރުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުގެ 14 އިން މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށެވެ. އަދި ނޮކް އައުޓް ސްޓޭޖަށް ކޮންމެ ގްރޫޕަކުންވެސް ދާނީ އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމެވެ. އަދި ގްރޫޕް ސްޓޭޖްގެ މެޗްތަކުގެ ތާވަލް މާދަމާގެ ވަގުތެއްގައި ޔުއޭފާއިން އާންމު ކުރާނެއެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު ސްޕެއިންގެ ބިލްބާއޯގެ ސޭން މަމޭޒް ސްޓޭޑިއަމްގައެވެ.