ޗައިނާގައި އެޕަލް ކުންފުނީގެ އިންވެސްޓްމެންޓްތައް އިތުރުކުރުމަށް ޗައިނާއިން ޝައުގުވެރިވާކަން އެގައުމުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ޗައިނާއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ވިދާޅުވީ އެގައުމުގެ ވައިސް ޕްރިމިއާ ޑިންގް ޑުއެޓްޒިއަންގް އެވެ.

ޑުއެޓްޒިއަންގް ވިދާޅުވީ އެ ގައުމުގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި އެޕަލްގެ ބައިވެރިވުމަށް ޗައިނާއިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޗައިނާއިން އައިފޯން 15 ތައާރަފުކުރިތާ މަހެއްހާ ދުވަސް ވެސް ނުވަނީސް ކުކް ބެއިޖިންއަށް ދަތުރުފުޅެއް މިކުރެއްވީ އެޕަލްގެ ތިން ވަނައަށް އެންމެ ބޮޑު މާކެޓު ކަމަށް ޗައިނާގައި އެގައުމުގެ ވާވޭއާ އެޕަލްގެ ވާދަވެރިކަން ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ކައުންޓާޕޮއިންޓް ރިސާޗުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އައިފޯން 15ގެ މޮޑެލްތައް ޗައިނާގައި ފުރަތަމަ 17 ދުވަހުގެ ތެރޭގައި ވިކުނު މިންވަރު، އައިފޯން 14 އާ އަޅާބަލާއިރު 4.5 ޕަސެންޓް ދަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ވަނީ ދައުލަތުގެ މުވައްޒަފުން އައިފޯނު ބޭނުން ކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ފުޅާކޮށް، މަރުކަޒީ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް މަސައްކަތުގެ ވަގުތުތަކުގައި އެޕަލް ޑިވައިސްތައް ބޭނުން ނުކުރުމަށް އަންގާފައެވެ.

ކުކްއާއެކު ބޭއްވި ބައްދަލުވުމެއްގައި ޑިންގް ޑުއެޒިއަންގް ވަނީ "އެޕަލް ފަދަ ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް އެ ގައުމުގައި އިންވެސްޓް ކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޗައިނާއިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖަވާބުގައި ކުކް ވަނީ ޗައިނާގެ މާކެޓުގެ ކުރިމަގަށް އެޕަލްގެ އިތުބާރު އެބައޮތް ކަމަށާއި، އެކި ދާއިރާތަކުން، ޚާއްޞަކޮށް މަތީ ފަންތީގެ އުފެއްދުންތެރިކަމާއި ޑިޖިޓަލް އިގްތިސާދުގައި ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް އެޕަލްއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފައެވެ.

އެޕަލް އާއި ވާވޭއާ ދެމެދު އޮތް ވާދަވެރިކަން އިތުރުވަމުންދާއިރު، އަދި ސަލާމަތީ ކަންކަމުގައި ޗައިނާއިން ބަލަހައްޓަމުން އަންނަ ކަންކަން އިތުރު ކުރަމުން އަންނައިރު، ކުކްގެ ދަތުރުފުޅާއި ވައިސް ޕްރިމިއާގެ މަރުހަބާގެ އިޝާރާތުން ދޭހަވަނީ ޗައިނާގެ ޓެކް އިންޑަސްޓްރީގައި އެ ވާދަވެރިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމެވެ.