20 Oct 2023, 17:51
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދޭނެ ކަމަށާއި އޭގެ ތެރެއިން އެއް ލިފްޓު ގާއިމްކުރާނީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގައާ އެކު ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލެ ހިޔާ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވަނީ ހިޔާ ސަރަޙައްދަށް އެ މަނިކުފާނު ވެލެއްވި ވައުދުފުޅުތައް އެ މަނިކުފާނުގެ ސަރުކާރުގައި ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ބަޖެޓު ހުށަހެޅިއިރު އެއް ކަމަކަށް އަޅުގަނޑު ހިމަނާފައި ވާނީ މި ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަށް. ކޮންމެ ޓަވަރަކަށް ދެ ލިފްޓު އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް،" މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ހިޔާ ސަރަހައްދުން އިންތިޚާބު ކާމިޔާބުކުރުމަށް ދެއްވި ތަރުޙީބަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ރިޔާސީ އިންތިޚާބަށް މެނިފެސްޓޯ އިއުލާންކުރައްވާ މީގެ ކުރިން ވެސް މުއިއްޒު ވަނީ ހިޔާ ފްލެޓުތަކަށް ލިފްޓު އިތުރު ކުރަން ޖާގަ އެބަ ހުރި ކަމަށް ވިދާޅުވެފައެވެ. އަދި، އިންޖިނިއަރިންގެ މިންގަނޑުތަކާ އެއްގޮތަށް ކޮންމެ ޓަވަރަކަށް ލިފްޓު އިތުރުކޮށްދެއްވާނެ ކަމަށް ވައުދުވެލެއްވިއެވެ. ނަމަވެސް އޭރު އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރުކޮށްދެއްވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ފެށި ހިޔާ މަޝްރޫއުގެ ދަށުން ޑިޒައިންކޮށް އިމާރާތްކުރި ޓަވަރުތަކުގައި މީހުން ދިިރިއުޅެން ފެށުމުން، އެ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ ފެންމަތިވިއެވެ.
މިހާރު ކޮންމެ ޓަވަރެއްގައި އިންނަނީ ތިން ލިފްޓެވެ. ނަމަވެސް ގިނަ ފަހަރަށް އޮންނަނީ ތޮށްޖެހިފައެވެ.
ހިޔާ ޓަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެ މަނިކުފާނު ވަނީ އެ ތަނަށް އެއްވި އާންމުންނާ ސަލާމްކުރައްވާ ފޮޓޯ ނަންގަވައިފައެވެ. އެ މަނިކުފާނުގެ އަރިހުގައި އިންތިޚާބީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭ ވެސް އެ މަނިކުފާނު ވަނީ މާލޭ ސަރަހައްދުގެ ކެމްޕޭން ޓީމްތަކާ ބައްދަލު ކުރައްވައިފައެވެ. އިންތިޚާބީ ރައީސް ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު 17ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައެވެ.