20 Oct 2023, 21:46
ޖަރުމަން ކޮޅަށް އެމެރިކާ ތަރި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލަށް އެމެރިކާގެ ކޯޗު ޖިއާނޯ ވިއޯ ތައުރީފުކޮށްފިއެވެ.
މި ސީޒަނުގައި އޭސީ މިލާނަށް ކުޅެމުންދާ ޕުލިސިޗް ވަނީ މިދިޔަ އާދީއްތަ ދުވަހު ޖަރުމަނާ ދެކޮޅަށް އެމެރިކާއިން ކުޅުނު އެކުވެރިކަމުގެ މެޗުގައި ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފައެވެ. އެ މެޗުގައި އެމެރިކާއަށް ޕުލިސިޗް ލީޑު ހޯދައިދިން ނަމަވެސް، ޖަރުމަނުން ފަހަތުން އަރައި މޮޅުވެފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 27 ވަނަ މިނެޓުގައި އުމުރުން 25 އަހަރުގެ ޕުލިސިޗް އެ ގޯލު ޖަހާފައިވަނީ ޖަރުމަންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. ޕުލިސިޗްގެ އެ ހަމަލާ އަމާޒުކޮށްލާފައިވަނީ ޖަރުމަން ގޯލުގެ މަތީ ކަނަކަށެވެ.
"ޖަރުމަން ކޮޅަށް ޕުލިސިޗް ޖެހީ ވަރަށް މޮޅު ގޯލެއް. އެ ގޯލުން އަހަރެންނަށް ހަނދާންވަނީ އިޓަލީ ލެޖެންޑް އެލެސެންޑްރޯ ޑެލް ޕިއޭރޯ މަތިން. މިދިޔަ ސީޒަނުގައި ޗެލްސީން މިލާނާ ޕުލިސިޗް ގުޅުނު އިރުވެސް އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި،" އެމެރިކާގެ ކޯޗު ވިއޯ ބުންޏެވެ.
ވިއޯ ބުނީ ޒުވާން އުމުރުގައި މިލާނާ ގުޅުނު ނަމަ، ޕުލިސިޗް މިހާރު ހުންނާނީ ގިނަ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި ޗެލްސީއާއެކު ކަންތައް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.