20 Oct 2023, 17:23
އީރާނާ ގުޅިފައިވާ ހޫތީން އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާއެއް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރަކުން ހުއްޓުވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ އަސްރަކީ މަރުކަޒު ޕެންޓެގަންގެ ތަރުޖަމާނާ ހަވާލާދީ ބީބީސީން ރިޕޯޓުކުރާ ގޮތުގައި މިސައިލާއި ޑްރޯންތަކުން ދިން މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އިޒްރޭލަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މިސައިލްސްތައް ހަލާކޮށްލުމަށް ފަރުމާކޮށްފައިވާ ހަނގުރާމަ މަތީ މަނަވަރު، އެމެރިކާގެ ޔޫއެސްއެސް ކާނޭ ބުރާސްފަތި ދުވަހު ހަރަކާތްތެރިވެފައިވަނީ ރަތް ކަނޑުގެ އުތުރުގައެވެ.
ޕެންޓަގަންގެ ބްރިގޭޑިއާ ޖެނެރަލް ޕެޓްރިކް ރައިޑާ ބީބީސީއަށް ވިދާޅުވި ގޮތުގައި އެއްގަމުން ދޭން އުޅުނު ހަމަލާތަކުގެ އިތުރުން ތިން ކްރޫޒް މިސައިލާއި ޔަމަނުން ފޮނުވާލި ބައެއް ޑްރޯންތައް ވާނީ ވައްޓާލާފައެވެ. އަދި މި ހަމަލާތައް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"މިސައިލްތަކާއި ޑްރޯންތައް އަމާޒުކުރީ ކޮން ތަނަކަށް ކަމެއް ޔަގީންކޮށް ބުނާކަށް ނޭގޭ. ނަމަވެސް މި މި ސައިލްތަކާއި ޑްރޯންތައް ފޮނުވާލީ ޔަމަނުން، ރަތް ކަނޑުގެ އުތުރަށް ގޮސް، އިސްރާއީލަށް އަމާޒުކޮށް ކަމަށް ބެލެވޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެޓްރިކް ވިދާޅުވިއެވެ.
ފާއިތުވި ދުވަސްތަކުގައި އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް އެތައް ފަހަރަކު ހޫތީން ހަމަލާދީފައިވާ ކަމަށް ވެސް ޕެންޓަގަންއިން ބުނެއެވެ.
އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިޒްރޭލުން ހިންގާ އަމަލުތަކަށް ތާއީދު ނުކުރުމަށް އެމެރިކާއަށް އިންޒާރު ދީފައެވެ.
ސީރިއާގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށް އަމާޒުކޮށް ބުދަ ދުވަހު ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށްވެސް ޕެންޓެގަން އިން ބުނެއެވެ. މި ހަމަލާގައި ބައެއް މީހުން ޒަޚަމްވެފައިވާއިރު، އިތުރު ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ވެސް ޕެންޓެގަންއިން ބުންޏެވެ.
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ އެކި މަރުކަޒުތައް ހުންނައިރު، ހަނގުރާމަ މަތީ މަނަވަރުތަކާއި ސިފައިންނާއި ހަނގުރާމަ މަތިންދާބޯޓުތައް ވެސް ހަރަކާތްތެރިވެއެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ޒިންމާ ހޫތީން ނަގަން ޖެހޭނެ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށާއި، ހޫތީންނަށް ވާގިވެރިވަނީ އީރާނުން ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރާ ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.
2014 ވަނަ އަހަރުން ފެށިގެން ހޫތީންނާއި ޔަމަނުން ކުރާ ދަޚިލީ ހަނގުރާމައަކީ ސައުދީ އަރަބިއާއިން ހޫތީންނަށް ވާގިވެރިވެގެން ހިންގާ ހަނގުރާމައެއް ކަމަށް ވެސް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ.