20 Oct 2023, 17:10
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކަން ނިންމާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ހިއްކައިފިއެވެ.
އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާޅެ ތިން ވަނަ ފިޔަވަހިން ހިއްކާ ފުރަތަމަ ބައި ކަމަށްވާ 'ސައިޓް އޭ' ހިއްކުމަށް ފަހު، ސައިޓް ބީ ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އާބަންކޯއިން ވަނީ ސައިޓް ބީ ހިއްކުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ސަރަހައްދުގައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް އެދިފައެވެ.
ސައިޓް އޭ ހިއްކުމުގެ މަސައްކަތް ނިންމަން މީގެ ކުރިން ދީފައި އޮތް ތާރީޚަކީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް އެ ސަރަހައްދަށް އަޅާފައި ހުރި ކުނިތަކެއްގެ ސަބަބުން މަސައްކަތް ލަސްވީ ކަމަށް އާބަންކޯއިން މީގެ ކުރިން ބުނެފައިވެއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ސައިޓް ބީ ހިއްކާ ސަރަހައްދު: މި ސަރަހައްދުގައި ހުރި އުޅަނދު ނެގުމަށް ވަނީ އެދިފަ -- ފޮޓޯ/ އާބަންކޯ
ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ މަހުގެ 22 ވަނަ ދުވަހެވެ.
މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް ބިން ދޫކުރުމަށް ހިއްކާ ސަރަހައްދެކެވެ. މި ސަރަހައްދުން 700 އެއްހާ ގޯތި ދޫކުރާނެއެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ތިލަފުއްޓާއި ގުޅީފަޅު މަޝްރޫއުތައް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.