އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށް ކުޅެމުންދާ ޖަޕާންގެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ ކައޮރޫ މިޓޯމާ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިޓޯމާ ވަނީ މިއާ އެއްބަސްވުމާ އެކު އެ ކްލަބްގައި 2027 ވަނަ އަހަރުގެ ނިޔަލަށް ހުންނާނެއެވެ. މީގެ އިތުރުން މި އެއްބަސްވުމާ އެކު އެ ކްލަބްގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ލިސްޓަށް ވެސް މިޓޯމާ އަރާނެއެވެ.

ޕްރިމިއާ ލީގުގައި ފަހަކަށް އައިސް ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންދާ ބްރައިޓަންގެ ކޯޗް ރޮބާޓޯ ޑި ޒާބީ ހާމަކުރާ ގޮތުގައި މިޓޯމާއަކީ އެ ޓީމްގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއެވެ. މިޓޯމާ މިހާތަނަށްވަނީ ބްރައިޓަންއަށް 52 މެޗު ކުޅެދީފައެވެ. އަދި، 13 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިޓޯމާއަކީ ޑި ޒާބީ އެ ކްލަބާއި ހަވާލުވި ފަހުން ގަވައިދުން ފުރަތަަމަ އެގާރައިގާ ހިމެނިގެން ކުޅެމުންދާ ކުޅުންތެރިއެކެވެ. ޑި ޒާބީ ހާމަކުރި ގޮތުގައި މިޓޯމާ އެ ކްލަބާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ޙަބަރަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ. ޖަޕާންގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އޭނާ އެ ކްލަބް ދޫކޮށް ހިނގައިދާނެ ކަމަށް ބެލެވިފައިވަނިކޮށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި ބްރައިޓަންއަކީ އަބަދު ވެސް އެ ޓީމުގެ މޮޅެތި ކުޅުންތެރިން ބޮޑު އަގުގައި އެހެން ކްލަބްތަކަށް ވިއްކައިލާ ޓީމެއް ކަމުން މިޓޯމާ ވެސް ރަނގަޅު އަގެއް ލިބިއްޖެނަމަ ވިއްކާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިޓޯމާ ބްރައިޓަން އާއި ގުޅިފައިވަނީ 2021 ވަނަ އަހަރު 2.6 މިލިއަން ޕައުންޑަށެވެ.

ބްރައިޓަންއާ 2021 ވަނަ އަހަރު މިޓޯމާ ގުޅުނު އިރު އޭނާ ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް އާ އެއްބަސްވުމާ އެކު އޭނާއަށް މިހާރު ދޭ މުސާރަ ވެސް ވަރަށް ބޮޑުވެގެން ދާނެއެވެ. ބްރައިޓަންގެ ޓެކްނިކަލް ޑިރެކްޓާ ޑޭވިޑް ވެއާ ހާމަކުރިގޮތުގައި މިޓޯމާ ފެންވަރުގެ ކުޅުންތެރިއެއް އެ ކްލަބްގައި ގިނަ ދުވަހު ބެހެއްޓުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އެ ކްލަބަށް ވަރަށް މުހިންމު ކަމެކެވެ. އަދި، މިޓޯމާ ވަނީ މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް ރަނގަޅަށް ހޭނި އޭނާގެ މުހިންމުކަން ވަރަށް ރަނގަޅަށް ދައްކުވާދީފައެވެ.