އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބްތަކުގެ މެދުގައި މިހާރު ކުޅެމުންދާ ޕްރީސީޒަން މެޗުތަކުގައި ފީނިކްސް ސަންސްއާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު ސަންސްއިން ކާމިޔާބުކޮށްފިއެވެ.

ކެލިފޯނިއާގައި އަލަށް ހުޅުވި އެކްރިޝުއަ އެރީނާގައި ކުޅުނު މި މެޗު ސަންސް ކާމިޔާބުކޮށްފައިވަނީ 123 ޕޮއިންޓް 100 ޕޮއިންޓުންނެވެ.

މި މެޗު ވެގެންދިޔައީ އެންބީއޭގައި ފާހަގަ ކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑުރާންޓް އާއި ލެބްރޮން ޖޭމްސްގެ ކުރިމަތިލުމަކަށެވެ. މެޗުގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދިން ޑުރާންޓެވެ. ލޭކަސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޖޭމްސްއެވެ.

މީގެ އިތުރުން ވެސް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން ފަސް މެޗު ވަނީ މިއަދު ހެނދުނު ކުޅެފައެވެ.

މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 103 ޕޮއިންޓް 90 ޕޮއިންޓުން ކާމިޔާބު ކުރީ ނަގެޓްސްއެވެ. މެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗް ވަނީ 25 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި، ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ބޯންސް ހައިލާންޑެވެ.

ބޮސްޓަން ސެލްޓިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ސެލްޓިކްސްއެވެ.

މި މެޗުގައި ސެލްޓިކްސްގެ ކްރިސްޓަޕްސް ޕޯޒިންގީސް 14 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގައިދިން އިރު ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ފަސް ރީބައުންޑް ނަގައިދިން ލަމޭލޯ ބޯލްއެވެ.

މީގެ އިތުރުން ސެކްރެމެންޓޯ ކިންގްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 116 ޕޮއިންޓް 113 ޕޮއިންޓުން ކިންގްސް ކާމިޔާބު ކުރިއިރު މިނެސޯޓާ ޓިމްބަވުލްވްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 114 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބު ކުރީ ޓިމްބަވުލްވްސްއެވެ. އަދި، ޑެޓްރޮއިޓް ޕިސްޓަންސް އާއި އޮކްލޮހޯމާ ސިޓީ ތަންޑާ ބައްދަލުކުރި މެޗު 118 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކުރީ ޕިސްޓަންސްއެވެ.