20 Oct 2023, 13:16
ފަލަސްތީނުގައިވާ އަލްޤުދްސަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑު ކަމަށާއި އެހެންކަމުން އެބިމަކީ ޒަޔަނިސްޓުންގެ ބިމެއްގެ ގޮތުގައި ތާރީޚީ ގޮތުންނާއި ދީނީ ގޮތުން ވެސް ކަނޑައެޅެން ނެތްކަމަށް މިއަދު ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ، އަލްޤުދުސަކީ ސަލާމްލެއްވި ދާއޫދުގެފާނުގެ ވެރިކަމުގައި، އެކަލޭގެފާނު ވެރިކަން ކުރެއްވި ރަށްކަމަށެވެ. އަދި އެއީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން، ސަލާމްލެއްވި ސުލައިމާން ޢަލައިހިއްސަލާމް ވެރިކަން ހިންގެވި މާތް ބިންކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"މި އެންމެ ބޭކަލުންނަކީ މުސްލިމުންނެވެ. ތައުހީދުގެ އިމާމުންނެވެ. މިހެންކަމުން އެ ބިމަކީ ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީޚީ ގޮތުން ވެސް، އަދި ދީނީ ގޮތުން ވެސް ކަނޑައެޅޭކަށް ނެތެވެ. އަލްމަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ހައްގެކެވެ،" ޚުތުބާގައި ބުންޏެވެ.
މިއަދު އަލްމަސްޖިދުލް އަޤްޞާއާއި އެ މިސްކިތް ހިމެނޭ ބިން، އަލްޤުދުސް އެވަނީ، ޒަޔަނިސްޓު ޔަހޫދީންގެ އިސްތިއުމާރުގެ ދަށުގައިކަމަށް ޚުތުބާގައި ބުންޏެވެ. އެތަނުގެ ހުރުމަތް ކަނޑައި، އެތަން ތަޅާލުމަށްޓަކައި، އަނިޔާވެރި އެތައް އަމަލެއް ހިންގަމުން ދާކަމަށާއި ޔަހޫދީން މަސައްކަތް ކުރަނީ ނަސްލު ނައްތާލުމަށްކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
"މީގެ ދެތިން ދުވަސްކުރިން ފަލަސްތީނުގެ އަލްމަޢްމަދާނީ ހޮސްޕިޓަލަށް ދިން ރަހުމެއްނެތް އަނިޔާވެރި ލާއިންސާނީ ހަމަލާ އެކަނިވެސް މިކަމުގެ ހެއްކަކަށް ފުދޭ،" ޚުތުބާގައި ބުންޏެވެ.
އެހެންކަމުން އަލްމަސްޖިދުލް އަޤްޞާ މިނިވަން ކޮށް، ފަލަންތީނުގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް އަނބުރާ އިޔާދަ ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ މުސްލިމް ގައުމުތަކުގެ ސަރުކާރުތަކާއި، ރައްޔިތުންގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއްކަމަށް ޚުތުބާގައި ބުންޏެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ، "މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ،"
މީގެ އިތުރުން ޚުތުބާގައި ބުނީ، މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ބިނާތައް ކަމަށެވެ. އަދި މިސްކިތްތަކުގެ ތެރެއިން ވެސް މާތްﷲގެ ހަޟްރަތުގައި ވަކިން މާތްކަން ބޮޑުވެގެންވާ ތިން މިސްކިތަކީ، މައްކާގައިވާ މަސްޖިދުލް ޙަރަމްއާއި، އަލްމަދީނަތުލް މުނައްވަރާގައިވާ މަސްޖިދުންނަބަވީ އާއި، ފަލަސްތީނުގެ ގުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާ ކަމަށް ޚުތުބާގައި ބުންޏެވެ.
"މުސްލިމް އަޚުންނޭ! އަލްމަސްޖިދުލް އަޤްޞާއަކީ، މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ހިޖުރަ ކުރެއްވުމަށް ފަހުގައި ވެސް ސޯޅަމަސް ދުވަސް ވަންދެން (އެބަހީ: ކަޢްބަތުﷲ ގެފުޅަށް ޤިބްލަ ބަދަލުކުރައްވައިފުމަށް ދާންދެން) އަލްމަސްޖިދުލް އަޤްޞާ އާ ދިމާއަށް ކުރިމަތި ލައްވާ ހުންނަވާ މާތް ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެންމެހާ މުސްލިމުން ނަމާދު ކުރެއްވިއެވެ. އެހެންކަމުން މުސްލިމުންގެ ހިތްތަކުގައި އަލްމަސްޖިދުލް އަޤްޞާއަށް މަތިވެރި މަގާމެއް ދެވިފައި ވެއެވެ،" ޚުތުބާގައި ބުންޏެވެ.
އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވަ މުސްލިމުންނަށް އިޚްލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު ދުޢާ ދެންނެވުމަށް ޚުތުބާގައިވަނީ ގޮވާލާފައެވެ.