20 Oct 2023, 11:16
އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އައުން ރައްކާތެރި ނޫންކަމަށް ބުނެ, މި ގައުމަށް ދަތުުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
އިސްރާއީލްގެ މީޑީއާއަކުން އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު އެ ބަޔާންވަނީ ރިޕޯޓުކޮށްފައެވެ. އެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގަައި ރާއްޖޭގައި އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތައް އަންނަނީ އިތުރަށް ހަރުކަށިވަމުންނެވެ.
އެހެންކަމުން މި ވަގުތު ރާއްޖެ ނައުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށާއި ރާއްޖެ ދަތުރުނުކުރުމަށް ވަނީ އިންޒާރު ދީފައެވެ.
އެހެނިހެން ބައެއް ޓްރެވަލް އެޖެންސީތަކުން އާންމުކޮށްފައިވާ ޓްރެވަލް އެޑްވައިޒަރީތަކުގައި ވެސް ވަނީ މި ވަގުތު އިސްރާއީލުގެ ފަތުރުވެރިން ރާއްޖެ އައުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ބުނެފައެވެ.
އެ ގައުމުން މިހެން ބުނި އިރު އިއްޔެ ދިވެހި ފުލުހުންވަނީ ވަކި ގައުމެއްގެ ފަތުރުވެރިންނަށް ނުވަަތަ ރައްޔިތުންނަށް ރާއްޖޭގައި އެއްވެސް ނުރައްކަލެއް ނެތްކަމަށް ބުނެފައެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ ގައުމާއި، ރާއްޖެއާ އެއްވެސް ޚާރިޖީ ގުޅުމެއް ނެތެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓްރީން، އެ ގައުމާއެކު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ނުކުރާ ގައުމުތަކުގެ ލިސްޓު --
އިސްރާއީލާއެކު އޮތް ވިޔަފާރި ގުޅުންތަކާއި، އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން އެންމެ ފުރަތަމަ މަނާކުރެއްވީ 2014ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މި ސަރުކާރުން ބުނި ގޮތުގައި އަދިވެސް އެ ނިންމުން އޮތީ ދަމަހައްޓައިފައެވެ.
އިސްރާއިލުން މިހާރު ފަލަސްޠީނުގައި ހިންގާ ގަތުލުއާންމުގައި ފަލަސްޠީނުގެ 4,000 އަށްވުރެ ގިނަ ރައްޔިތުންވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 1،400 އަށްވުރެ ގިނަ ކުޑަކުދިންނާއި 800 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 15،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމް ލިބިފައިވެއެވެ.

ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކައިދިނުމަށްޓަކައި އައިއޭސީން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް
އިސްރާއީލާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. ފަލަސްޠީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މި ފަހުން ވެސް ވަނީ ބޮޑު އެއްވުމަކާއި ސައިކަލު ބުރެއް ވެރިރަށް މާލޭގައި ބާއްވައިފައެވެ. އަދި މުޅި ރާއްޖޭގައި ވެސް އެއްވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ރާއްޖެއަށް އިސްރާއީލުގެ ފަތުރުވެރިން އަންނަނީ ނިސްބަތުން މަދު މިންވަރަކަށެވެ. އެގޮތުން މަހަކަށް އަންނަނީ ގާތްގަނޑަށް 1،000 ނުވަތަ އެއަށް ވުރެ މަދު ފަތުރުވެރިންނެވެ.