އައިސީސީ ކްރިކެޓް ވާލްޑް ކަޕްގައި މުބާރާތް ބާއްވަމުންދާ ޤައުމު ކަމަށްވާ އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗް, އިންޑިއާއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ ހަތް ވިކެޓުންނެވެ. ޕޫނޭގެ މަހަރާޝްތުރަ ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން ބަންގްލަދޭޝް ބޭނުންވީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން ބަންގްލަދޭޝްއިން އެންމެ ފުރަަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 256 ލަނޑެވެ.

ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 66 ލަނޑު ހަދާދިން ލިޓޮން ޑާސްއެވެ. އަދި ތަންޒީދު ހަސަންވަނީ 51 ލަނޑު ހަދާދީފައެވެ. އަނިޔާގެ ސަބަބުން ބަންގްލަދޭޝްގެ ކެޕްޓަން ޝަކީބް އަލް ހަސަން ނުލާ ކުޅުނު މިމެޗްގައި އެޓީމަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. މި އިނިންގްސްގައި އިންޑިއާ ޓީމުގެ ޖަސްޕްރީތު ބުމްރާހް އާއި މުހަންމަދު ސިރާޖް އަދި ރަވިންދުރަ ޖަޑޭޖާއިން ކުރެ ކޮންމެ ކުޅުންތެރިޔަކުންވަނީ ދެ ވިކެޓް ނަގާދީފައެވެ.

ޖަވާބުގައި އިންޑިއާއިން ކުޅެން އަރާ 41 އޯވަރު ތިން ބޯޅައަށް ތިން ކުޅުންތެރިން ނުބައިވެގެން 261 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. މިފަހަރުގެ ވާލްޑް ކަޕްގައި ވަރަށް ވަރުގަދަކޮށް ފެންނަމުންދާ އިންޑިއާއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 103 ލަނޑު ހަދާދިން ވިރާތު ކޯލީއެވެ. މިއާއެކު އޭނާ މިވަނީ ބައިނަލްއަޤްވާމީ އެއްދުވަހުގެ މެޗްތަކުގައި 48 ފަހަރު ސައްތަ ހަމަކޮށްފައެވެ. އަދި އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަން ކަމަށްވާ ސަޗިން ޓެންޑުލްކަރުގެ 49 ސައްތައިގެ ރިކޯޑާ އަރާ ހަމަކުރަން އެންމެ ސައްތައަކަށް ގާތްކޮށްފައެވެ.

މީގެއިތުރުން މިމެޗްގައި އިންޑިއާގެ އޯޕަނިން ދެ ބެޓްސްމަނުން ކަމަަށްވާ ކެޕްޓަން ރޮހިރު ޝަރްމާ އާއި ޝުބްމަން ގިންގެ ކުޅުންވެސް ފާހަގަ ވެގެންދިޔައެވެ. މިގޮތުން ގިލް 53 ލަނޑު ހަދާދިން އިރު ރޯހިތުވަނީ 48 ލަނޑު ހަދާދީފައެވެ. ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 47 ލަނޑަށް ދެ ވިކެޓް ނަގާދިން މެހިދީ ހަސަންއެވެ.

މިކާމިޔާބީއާއެކު މިފަހަރުގެ ވާލްޑް ކަޕްގައި އިންޑިއާއިން މިއަންނަނީ ސައްތައިން ސައްތަ ރިކޯޑް ދަމަހައްޓަމުންނެވެ. އަދި މިވަގުތު އުޅެނީ ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ތާވަލްގެ ދެ ވަނައިގައެވެ. އެއީ ރަން ރޭޓަށް ބަލާއިރު ނިއުޒީލަންޑަށް ކުރި ލިބޭތީއެވެ.