20 Oct 2023, 11:13
އާއިލާއާއެކު އުޅޭ އިރު މިއީ ހަމަ ގައިމު ވެސް ކޮންމެވެސް އިރެއްގައި އަޑު އިވިފައިވާނެ ވާހަކައެކެވެ. އެއްވެސް ކަމެއް ވެގެން އެކަމެއް އާއިލާ މެމްބަރެއް، ޚާއްސަކޮށް ދުވަސްވީ މީހެއް ގާތު ބުނެފި ނަމަ އެންމެ ފުރަތަމަ އިވެނީ އެއް ވާހަކައެކެވެ. އެއީ އޭގެ ސަބަބަކީ ފޯނާ ކުޅޭތީ ކަމަށެވެ.
އާންމުކޮށް ޗުއްޓީއަށް ރަށަށް އާއިލާ ގާތަށް ގޮސް އުޅޭ އިރު ފޯނުގެ މައްސަލަ އަކީ އަބަަދުވެސް ޖެހޭ ބޮޑު މައްސަލައެކެވެ. ފޯނުގައި މާ ގިނައިން އަތްލި ނަމަވެސް އޭގެ ސަބަބުން ކަންތައް ގޯސްވެދާނެއެވެ.
އެންމެ ބޮޑަށް ދިމާވާނެ ކަމަކީ އެއްވެސް ކަހަލަ ބައްޔެއް ވިޔަސް އެކަމާ ފޯނާ ކުޅުމާ ގުޅުވާތީއެވެ.
"ވަރަށް ފަހުން މަންމަމެން ރަށަށް ޗުއްޓީއަށް ގޮސް މިއައީ. މާމަމެންގެ ގޭގައި ހުރީ. އެކަނި ފޯނާ ކުޅެން އިނަސް މާމަ އައިސް އެއްޗެކޭ ބުނެފާނެ. އެއާ މާ ގަދައަށް ކުޅެންޏާ ބަލިވާނެއޭ،" އުމުރުން 26 އަހަރުގެ ޒުވާނަކު ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި ކޮންމެ ފަދަ ކަމެއް ވިޔަސް ގޯސް ވާނީ ފޯނެވެ.
"އެއްފަހަރަކު މާމަ ގާތުގައި ބުނީ ބޮލުގައި ވަރަށް ރިއްސާ ވާހަކަ ބޭސް ހޯދަން ވެގެން. އެހެން ބުނި އިރަށް ބުނެފި ފޯނާ ކުޅޭތީ އޭ އެހެން އެވަނީ،" އޭނާ އިތުރަށް ކިޔައިދިނެވެ.
އާންމުކޮށް ލޮލުގައި ރިއްސައި ބޮލުގައި ރިއްސާ އިރު އެވާހަކަ ބުނުމުން ފޯނު ގޯސްވާ ވާހަކަ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވެއެވެ. ނަމަވެސް އަތެއް ފައެއް ތަނަކަށް ތަދުވިޔަސް ހަމަ ގިނަ ފަހަރަށް ލިބޭ ޖަވާބަކީ އެއީ އެވެ. "ތިޔަވަރަށް ފޯނާ ކުޅޭތީ އޭ ތި ތަންތަނުގައި ވެސް ރިއްސަނީ" ފަދަ ކޮމެންޓުތަކަކީ މާމަ މެން ފަރާތުން އިވޭ އެއްޗެކެވެ.
ދެން އަނެއްކާ ކޮންމެ ފަދަ ކަމެއް ވި ނަމަވެސް ދެން އެންމެ ގަދައަށް އިވޭނީ އެއް ހައްލެއްގެ ވާހަކައެވެ. އެއީ ބާމު ފުޅީގެ ވާހަކައެވެ. ބޮލުގައި ރިއްސަނީތަ؟ ބަނޑުގައި ރިއްސަނީތަ؟ ރޯގާ ހުރީތަ؟ އަތުގައި ރިއްސަނީތަ؟ ހުރިހާ ވެސް ހައްލަކީ ބާމެވެ. މާމަމެން ފަރާތުން އިވޭ މި ދެ ވާހަކައަކީ ވެސް ކޮންމެ ދިވެއްސެއްހެން ތަޖުރިބާ ކޮށްފައިވާނެ ކަމެއްކަން ޔަގީނެވެ.