20 Oct 2023, 13:41
އިސްރާއީލް އަސްކަރިއްޔާއިން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ މެދުގައި ތާށިވެފައިތިބި ޣައްޒާގެ ނިކަމެތި ރައްޔިތުން އަންނަނީ އެތައްވޭނެއް ތަހައްމަލު ކުރަމުންނެވެ. އަސާސީ ޚިދުމަތްތަކާއި ތަކެތި ވެސް ނުލިބި އެހީއެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ތިބިއިރު އެހީގެ ޓްރަކްތައް އަދިވެސް އޮތީ މިސްރާއި ޣައްޒާ ގުޅޭ ރަފާ ބޯޑަރުގައި ތާށިވެފައެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާގައި ފެނާއި ކަރަންޓު ވެސް ކަނޑާލާފައި އޮތުމުން, ހޮސްޕިޓަލްތަކަސް ފަރުވާއަށް ގެންދާ މީހުންގެ ޒަޚަމްތަކަށް ފަރުވާދީ، ގައިގެ ތަންތަން ފަހަނީވެސް ފޯނުން އަލިކޮށްގެންނެވެ. އަދި ބައެއް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ ޒަޚަމްތައް ސާފުކުރަނީ ވިނެގާ ބޭނުންކޮށްގެންނެވެ.
ޣައްޒާއަށް ކަރަންޓު ދޫކުރާ ހަމައެކަނި އިންޖީނުގެވެސް މިދިޔަ ހަފުތާގައި ބަންދުކޮށްފައިވާއިރު، އެމީހުން މިހާރު ތިބީ ކަނު އަނދިރީގައެވެ. ނަމަވެސް އެހީ ހިފައިގެން ދިޔަ މިސްރުގެ ގާފިލާއަށްވެސް ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.
އޭޕީގައިވާ ގޮތުން، ހޮސްޕިޓަލްތަކަށް ތެޔޮ ފޯރުކޮށްދެވޭތޯ މިސްރުން ދަނީ މަސައްކަތްކުރަމުންނެވެ. އެހީގެ ފުރަތަމަ ޓްރަކަށް މާދަމާ ޣައްޒާއަށް ވަދެވޭނެ ކަމަށްވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުން ޝަރުތުކޮށްފައިވާ ގޮތުން އެހީ ލިބޭނީ ހަމައެކަނި ދެކުނު ޣައްޒާގައި ދިރިއުޅޭ އާންމުންނަށެވެ. އަދި ހަމާސްއިން މި އެހީގެ ބޭނުން ކުރަން އުޅޭނަމަ، އެހީ ދިނުން ހުއްޓާލާނެ ކަމަށްވެސް އިސްރާއީލުން ވަނީ ބުނެފައެވެ. އެމެރިކާ އިންވެސް ވަނީ އެފަދަ އިންޒާރެއް ދީފައެވެ.
ސުންނާފަތިވެފައިވާ ޣައްޒާ -- ފޮޓޯ/ އަލްޖަޒީރާ
މިސްރުގެ ދެކުނު ސައިނައިގެ ރެޑްކްރެސެންޓްގެ ވެރިޔާ ހާލިދު ޒައިދާ ހަވާލާދީ އޭޕީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 3000 ޓަނުގެ އެހީ ހިފައިގެން 200 އަށްވުރެ ގިނަ ޓްރަކްތައް ބޯޑަރުކައިރީގައި މިހާރުވެސް އެބައޮތެވެ.
ޣައްޒާގެ ޚާން ޔޫނުސްގައި ހުންނަ، އެ ސަރަހައްދުގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލްގައި އޮތް ބިރުވެރި ހާލަތު މިހާރު އިތުރަށް ގޯސްވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރު މުހައްމަދު ގަންދީލާ ހަވާލާދީ އޭޕީ ނޫހުން ބުނެއެވެ. އެގޮތުން އެ ހޮސްޕިޓަލުގެ ގިނަ ޑިޕާޓުމަންޓުތަކުގައި ކަރަންޓު ކެނޑިފައިވާއިރު، މިހާލަތުގައި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ ނާދިރު ކަމެއް ކަމަށް މުހައްމަދު ބުނެފައިވެއެވެ،
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެ ސަރަހައްދުގެ ގޭސް ސްޓޭޝަންތަކުގައި ބާކީ ހުރި ތެޔޮ ހޮސްޕިޓަލްތަކަށް ފޯރުކޮށްދިނުމަށް އަންގާފައެވެ. އަދި އދ. ފަލަސްތީން ރެފިއުޖީ އޭޖެންސީގައި ބާކީ ހުރި ތެޔޮވެސް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާނެ ކަމަށް އެ ޖަމާއަތާ ހަވާލާދީ އޭޕީ ނޫހުން ރިޕޯޓުކުރެއެވެ.
އެ ނޫހުގައިވާ ގޮތުން އިސްރާއީލުން ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 3785 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ގާތްގަޑަކަށް 13000 އާ ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާއިރު، 1300 މީހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ޣައްޒާ ސިއްހީ ވުޒާރާއިން ލަފާކުރެއެވެ.