ސާފު ތެދުވެރި ލޯތްބެއް ހާސިލުކުރުމަށް ޓަކައި އެކި މީހުންވާ ގުރުބާނީތަކުގެ ވާހަކައަކީ ތަފާތު ފޮތްފޮތުންނާއި ފިލްމުތަކުންނާއި މި ނޫނަސް އެކި ކަހަލަ ޒަރީޢާއިން ފެންނަ، އިވޭ ވާހަކަތަކެވެ. މި ފަހަރު މި ފަދަ ޤުރުބާނީއެއް ވުމަށް ފަހު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޕީކޭ މަހާނަންދިއާ ނަމަކަށް ކިޔާ މީހެކެވެ.

ޕީކޭ މަހާނަންދިއާ ވަނީ 1977 ވަނަ އަހަރު ސުވިޑަންގައި ހުރި ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ބައިސްކަލެއްގައި ދިގު ދަތުރެއް ކޮށްފައެވެ. ސްވިޑަންގައި ހުރި ލޯބިވެރިޔާއާ ބައްދަލު ކުރުމަށް ނިއު ދެއްލީއިން ފެށި ދަތުރުގައި ޕީކޭއަށް ޖުމްލަ އަށް ޤައުމުގެ ބޯޑަރު ހުރަސްކުރަން ޖެހުނެވެ. ހަތަރު މަހުގެ ދިގު ދަތުރަށް ފަހު، އޭނާގެ ލޯބިވެރިޔާ ޗާލޮޓް އާ ބައްދަލު ކުރެވުމުން އުފަލުން ދެ މީހުންނަށް ވެސް ރޮވުނު ކަމަށް ޕީކޭ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ޕީކޭ އާއި ޗާލޮޓްގެ ކައިވެންޏަށް 44 އަހަރު ވެފައިވީ ނަމަވެސް ދެ މީހުންގެ ފުރަތަމަ ބައްދަލުވުން އަދިވެސް ހަނދާނުގައި ވަރަށް ތާޒާ ކަމާއެކު ހަރުލާފައި ވާކަމަށް ޕީކޭ ވަނީ ބުނެފައެވެ. ޑޮކްޓަރޭޓެއްގެ ލަޤަބު މިހާރު ލިބިފައިވާ ޕީކޭ އަކީ 1970އިގެ އަހަރު ތެރޭ ނިއު ދިއްލީގައި ކުރަހަން އުޅުނު ވަރަށް ހުނަރުވެރި އާޓިސްޓެކެވެ.

ޗާލޮޓް އިންޑިއާއަށް ފަތުރުވެރިއެއްގެ ގޮތުގައި ކުރި ދަތުރުގައި ވަރަށް މޮޅަށް ކުރަހާ އާޓިސްޓެއްގެ ވާހަކަ އަޑު އިވުމުން އޭނާ ބޭނުންވީ އަމިއްލަ ތަސްވީރު އެ މީހާ ލައްވާ ކުރަހަން ކަމަށާއި ތަސްވީރު ކުރަހަމުން ދިޔަ އިރު ވެސް ވަރަށް ތަފާތު އިހުސާސްތަކެއް އޭނާ އަށް ކުރި ކަމަށް ޕީކޭ ވަނީ ބުނެފައެވެ. އޭގެ ދުވަސް ތަކެއް ފަހުން ޕީކޭގެ އަމިއްލަ އަވަށުގައި ދެ މީހުންގެ ކައިވެނި ކުރެވުނެވެ. ޗާލޮޓުގެ ޢުމުރުން އޭރު އެންމެ 19 އަހަރު ކަމަށާއި ކައިވެންޏަށް ފަހު އޭނާގެ ތައުލީމީ ޙަޔާތް ފުރިހަމަ ކުރުމަށް ޓަކައި އެނބުރި ސުވިޑަންއަށް ދިޔައީ ކަމަށް ޕީކޭ ވަނީ މީޑިއާ ގައި ބުނެފައެވެ.

ޕީކޭ ދަތުރުގައި ދުއްވި ބައިސްކަލާ އެކު

އަންހެނުން ޗާލޮޓުއާ ދުރުގައި ހުރުމަށް ހިތް ނޭދޭތީ ޕީކޭ ގެންގުޅުނު ބައެއް ކުރަހާ ސާމާނުތައް ވިއްކާ ލުމަށް ފަހު ވަރަށް އާދައިގެ ބައިސްކަލެއް ގަތް ކަމަށާއި، އޭނާ ދަތުރުމަތީ ކެއިން ބުއިމަށް ފައިސާ ހޯދީ ވެސް އެކި ޤައުމު ތަކުގައި މީހުންގެ ކުރެހުންތައް ކުރަހަ ދީގެން ކަމަށް ޕީކޭ ވަނީ ބުނެފައެވެ.

ހަތަރު މަސް ދުވަހުގެ ދިގު ދަތުރެއް ނިންމާލުމަކީ، ފަސޭހަ ކަމެއް ނޫން ކަމަށާއި ލޯބިވެރިޔާ ޗާލޮޓް ނުފެނިދާނެ ކަމުގެ ބިރު ވެސް ބައެއް ފަހަރު ހީވި ކަމަށް ޕީކޭ ވަނީ ބުނެފައެވެ. ދެ މީހުންގެ ކައިވެންޏަށް މިހާރު ދެ ކުދިން ލިބިފައިވާއިރު މި ޢާއިލާ ދިރިއުޅެމުން އަންނަނީ ސުވިޑަން ގައެވެ. ޕީކޭ އާއި ޗާލޮޓުގެ ގުޅުން ވަރުގަދަ ވުމުގެ އެންމެ ބޮޑު ސިއްރަކީ، ދެ މީހުންގެ މެދުގައި އެއްވެސް ސިއްރެއް ނެތުން ކަމަށާއި ދިމާވާ ކަންކަމުގައި ދެމަފިރިން އެކީގައި މަޝްވަރާކޮށް ވާހަކަ ދެއްކުން އިސްކުރާތީ ކަމަށް ޕީކޭ ވަނީ ބުނެފައެވެ.

ޕީކޭ އާއި ޗާލޮޓުގެ ލޯބީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ސްވިޑަންގެ ލިޔުންތެރިޔާ ޕާ ޖޭ އެންޑަސެން ވަނީ ފޮތެއް ވެސް ނެރެފައެވެ. ލޯބީގައި މިސާލު ދެއްކި މި ދެ މަފިރިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހޮލީވުޑް ނުވަތަ ބޮލީވުޑްގެ ފިލްމެއް އުފެއްދުމުގެ މަޝްވަރާތައް ކުރެވެމުން ދާކަމަށް ވެސް އެންޑަސެން ވަނީ ބުނެފައެވެ.