ފެނަކަ ކޯޕަރޭޝަނުން ހިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް ބަދަލުކުރުމުގެ މަސައްކަތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއްގެ ތަހުގީގު ކުރިއަށްދާތީ އެ މަސައްކަތްތައް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު އެ ކުންފުންޏަށް އަންގައިފިއެވެ.

އޭސީސީން މިއަދު ބުނީ، އެގޮތަށް އަންގާފައި ވަނީ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް އާ ކުރުމަށް ބޭނުންވާ ސާމާނު ގަތުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގު ފަށާފައިވާތީ ކަމަށެވެ.

"އެ ކަމާ ގުޅިގެން އެ ކުންފުނިން ކުރިއަށް ގެންދާ އެންމެހައި ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ،" އޭސީސީން އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެެއްގައި ބުނެފައިވެއެވެ.

ނަމަވެސް، ބަލަމުންދާ އެ މައްސަލައިގެ ތަފުސީލެއް އެ ކޮމިޝަނުން ދީފައެއް ނުވެއެވެ.

ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެނަކައިގެ ވެރިންގެ މައްޗަށް އަބަދު ވެސް ކުރެވޭ އިރު އެ ކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 2.8 ބިލިއަނަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި، އެ ދަރަނި ދެއްކުމަށް ފަސޭހަކުރަން އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް މި ފަހުން ފެނަކައިން ނަގާފައިވެއެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާ މިހާރު ކުރިއަށް ދާތީ އާ އެއްވެސް މަޝްރޫއެއް ނުވަތަ މަސައްކަތެއް ވެސް ނުފެށުމަށް ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ ކުންފުނިތަކަށް އަންގައިފައެވެ.