19 Oct 2023, 21:40
އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށާއި ދެން އޮތީ ކަމިޔާބަށް ވުރެ އުނދަގޫ މަސައްކަތެއް ކަމަށް ވިދާޅުވެ، ވެރިކަން ދެމެހެއްޓުމުގައި ސަޕޯޓަރުން އެކުވެރިކަމާ އެކު ދެމިތިބެން އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ޓީމްތަކަށް ގޮވާލައްވައިފިއެވެ.
މިދިޔަ މަހު 30ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ އުފަލުގައި މާލޭ ސަރަހައްދުގެ ކެމްޕޭން ޓީމްތަކާ ބައްދަލުކުރަން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ކެމްޕޭންގައި އިޚްލާސްތެރިކަމާ އެކު ކޮށްދެއްވި މަސައްކަތަށް މުޅި ރާއްޖޭގައި އެ މަނިކުފާނުގެ ކެމްޕޭންގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.
"ދިވެހީންގެ ރާއްޖެއަށް ގެންދިއުމަށްޓަކައި ހުރިހާ ބޭފުޅުން އެކުގައި ތެދުވެވަޑައިގެން ތިޔަ ކުރެއްވީ ރެޔާއި ދުވާލު ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއް. ތިޔަ މަސައްކަތުގެ ސަބަބުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބިގެން މި ދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ކާމިޔާބީ ހޯދުމަށް ވުރެ އުނދަގޫ މަސައްކަތަކީ އެ ކާމިޔާބީ ދެމެހެއްޓުން ކަމަށެވެ. ކުރިއަށް އޮތީ ވެރިކަން ދެމެހެއްޓުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދެން މިއޮތީ ދެމެހެއްޓުން. ގައުމީ މަސައްކަތެއް. ވަރަށް ވަރުގަދަ މަސައްކަތެއް ކުރަން މި ޖެހެނީ،" މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެމްޕޭން ކާމިޔާބު ކުރުމަށްޓަކައި މި ދެއްކި އެކުވެރިކަން އެގޮތުގައި ދައްކައި އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގައި ހަމަ އެ އެކުވެރިކަން މަތީގައި އަދި އެއަށް ވުރެ ވެސް ވަރުގަދަ ނުގުޑާ އަޒުމެއްގައި ގައުމައިގެން ކުރިއަށް ދިއުމުގައި އަތުކުރި އޮޅާލައި ބަޔަކަށް ދާން،"
އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތީ ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އެ ކަން ކުރަން އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެކުވެރިކަމާ އެކު ކުރިއަށް ދާން އެ މަނިކުފާނު ކެމްޕޭން ޓީމްތަކުގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
"އިރާދަ ކުރެއްވިއްޔާމުން އަޅުގަނޑުމެންގެ ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި އިންތިޚާބަށް ނުކުންނެވި ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު އިންތިޚާބުގެ ފުރަތަމަ ބުރުގައި 101,635 ވޯޓު ހޯއްދެވިއެވެ. އެކަމަކު، 50 އިންސައްތަ ވޯޓު ކާމިޔާބު ނުކުރެވުމުން އެ މަހުގެ 30 ގައި ބޭއްވި ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ.
އިންތިޚާބީ ރައީސް މުއިއްޒު ހުވާ ކުރެއްވުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ޖަލްސާގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރާއިރު، މިހާރު ކުރިއަށް ދަނީ އިންތިގާލީ މަރުހަލާގެ ސަރުކާރު އެކުލަވައިލުމުގެ މުހިއްމު މަސައްކަތްތަކެވެ.