ވަޓްސްއެޕުން ވޮއިސް މެސެޖްތަކަށް "ވިއު ވަންސް" ފީޗާ ތަޢާރަފުކޮށްފިއެވެ.

މި ފީޗާ މިހާރު އޮތީ ބީޓާ ޓެސްޓިން މަރުހަލާގައި ކަމަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ބަޔަކަށް ތައާރަފު ކުރާނެ ކަމަށް ބެލެވެއެވެ.

ވަޓްސްއެޕްއާ ގުޅުންހުރި ޚަބަރުތައް ގެނެސްދޭ "ޑަބްލިއުއޭބީޓާއިންފޯ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަޓްސްއެޕްގެ ފޮޓޯތަކާއި ވީޑިއޯތަކަށް މިހާރު ވެސް ލިބެން ހުރި "ވިއު ވަންސް" ފީޗާ، ދެން ވޮއިސް ނޯޓްތައް ނުވަތަ ވޮއިސް މެސެޖްތައް ފޮނުވުމުގައި ވެސް ބޭނުންކުރެވޭނެއެވެ.

އެންޑްރޮއިޑަށާއި، އައިއޯއެސްއަށްވެސް ތަޢާރަފުކުރަން ހަމަޖެހިފައިވާ މިފީޗާ ވަޓްސްއެޕްގެ ޑިވޮލޮޕާ ބައެއް ޔޫޒަރުންނަށް މިހާރު ލިބޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޮއިސް ނޯޓްތަކަށް "ވިއު ވަންސް" މޯޑް ބޭނުން ކުރުމަށް، އެހެން މީޑިއާތަކެކޭ އެއްފަދައިން ޗެޓް ބާގައި ހުންނަ ޚާއްޞަ އައިކަން އެއް ބޭނުން ކުރެވޭނެއެވެ. ވޮއިސް މެސެޖް ފޮނުވުމުން އަޑު ލިބޭ ފަރާތަށް އެއްފަހަރު އަޑު އަހާލެވޭނެއެވެ. ނަމަވެސް އެ ނޯޓް ސޭވްކޮށް، ރީޕްލޭކޮށް، ފޯވާޑް ނުކުރެވޭނެއެވެ. މި ފީޗާ ފަރުމާކޮށްފައި ވަނީ ޕްރައިވެސީ އިތުރުކޮށް، ސެންސިޓިވް ވޮއިސް މެސެޖުތައް ރައްކާތެރިކަމާއެކު ފޮނުވޭ ގޮތަށެވެ.

މި ޚާއްޞަ ފީޗާގެ އިތުރުން ވަޓްސްއެޕުން އަންނަނީ އެންޑްރޮއިޑްގައި އެކައުންޓް ލޮގިންތަކަށް ބޭނުންވާ ޕާސްކީއާއި ލޮކްޑް ޗެޓްތަކަށް ބޭނުންވާ ރައްކާތެރި، ސިއްރު ކޯޑްތައް ބޭނުންކުރެވޭ ފީޗާއެއްވެސް ތައާރަފު ކުރަމުންނެވެ.

މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ވަޓްސްއެޕަކީ ޓެކްސްޓް މެސެޖް ފޮނުވުމާއި ވޮއިސް އަދި ވީޑިއޯ ކޯލް ކުރުމުގެ އިތުރުން ފޮޓޯ، ވީޑިއޯ އަދި ލިޔުންތައް ހިމެނޭ ގޮތަށް ތަފާތު ވައްތަރުގެ މީޑިއާތައް ޝެއާ ކުރުމުގެ މަގު ފަހިކޮށްދޭ އަދި ގިނަ ބަޔަކު ބޭނުންކުރާ، އިންސްޓަންޓް މެސެޖިންގެ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމެވެ.