19 Oct 2023, 21:51
ފުލުހުން ޓޯ ކުރި ކާރެއް، އުސޫލާ ހިލާފަށް ނައްތައިލުމުން އެ ކަމުގެ ބަދަލެއްގެ ގޮތުގައި 250,000 ރުފިޔާގެ ބަދަލު ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.
ފުލުހުން ޓޯ ކުރާ އުޅަނދުފަހަރު ނައްތައިލެވޭނީ އެ އުޅަދެއް ޓޯ ކުރުމަށް ފަހު، އެ އުޅަނދުގެ މައުލޫމާތު އާންމުކޮށް، 60 ދުވަހުގެ މުއްދަތެއް ދީފައި، އެ މުއްދަތުގައި ވެރިފަރާތުން އުޅަނދާ ހަވާލު ނުވެއްޖެ ހާލަތެއްގައެވެ. އެކަމަކު، މި މައްސަލައިގައި ހިމެނޭ ކާރު ނައްތާލައިފައިވަނީ އެގޮތަށް އިއުލާނު ކުރުމަކައިނުލައެވެ.
އެހެންވެ، ކާރުގެ ވެރިފަރާތުން ވަނީ އެ ކާރުގެ ބަދަލުގައި ހަމަ އެ ބްރޭންޑުގެ ކާރެއް ނުވަތަ އެ ކާރަށްވާ އަގު ނަގައިދިނުމަށް އެދި ފުލުހުންނާ ދެކޮޅަށް ދައުވާކޮށްފައެވެ.
އެ މައްސަލައިގައި އިއްޔެ އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މައްސަލައިގައި ހުށަހަޅާފައިވާ ހެކީގެ މައްޗަށް އެ ކާރު ނައްތާލާފައިވަނީ އުސޫލާ ހިލާފަށްކަން ސާބިތުވާ ކަމަށެވެ. އަދި، ކާރު ޓޯ ކުރި ކަމުގެ މައުލޫމާތު ފުލުހުން އާންމުކުރީ އެ ކާރު ނައްތައިލި ފަހުންކަން ވަނީ އެނގިފައެވެ.
އެހެންވެ، ބަދަލުގެ ގޮތުގައި 250،000 ރުފިޔާ ނަގައިދޭން ސިވިލް ކޯޓުން ވަނީ ފުލުހުންނަށް އަންގައިފައެވެ. އަދި، އެ ފައިސާ އިއްޔެއިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނަގައިދޭން ވަނީ އަންގައިފައެވެ.
މީގެ ކުރިން ވެސް ފުލުހުން ޓޯ ކުރާ އުޅަނދުފަހަރާ ގުޅިގެން މި ފަދަ ޝަކުވާތައް ލިބެއެވެ.