ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސް ހޯސޭ މާރިއާ އެންރީކޭޒް ނެގްރެއިރާއާ އެކު ފައިސާގެ މުއާމަލާތްތަކެއް ހިންގި މައްސަލައިގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާއަށް ދައުވާކޮށްފިއެވެ.

ބާސާއިން ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެ ތުހުމަތުތައް ކޮށްފައިވަނީ ނެގްރެއިރާއާ ހިންގި ފައިސާގެ މުއާމަލާތްތަކާ ގުޅިގެންނެވެ. ބާސާއިން ނެގްރެއިރާއަށް 2001 އިން 2007އަށް ފައިސާގެ މުއާމަލާތްތައް ކުރިއަށްގެންދިޔަ ކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެ ތުހުމަތު ކުރެވޭ ކުށްތަކުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތަހުގީގުން 2016 އިން 2018ގެ ނިޔަލަށް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ބާސާއިން ވަނީ ފައިސާ ދީފައެވެ. އެ މުއްދަތުގެ ތެރޭގައި 33 މުއާމަލާތެއް ހިންގާފައިވާ އިރު، އެއީ 1.6 މިލިއަން ޔޫރޯގެ އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު އެ ތަހުގީގު އިތުރަށް ފުޅާކޮށް، 2008 އިން ފެށިގެން ބާސާއިން ހިންގާފައިވާ މުއާމަލާތްތައް ބެލުމަށް ވަނީ ނިންމައިފައެވެ. އެއީ، ބާސާގެ ރައީސްކަމުގައި ލަޕޯޓާ ހޭދަކުރި ފުރަތަމަ ދައުރެވެ.

ރިޕޯޓުތައް ބުނާގޮތުގައި ތަހުގީގު އިތުރަށް ފުޅާކުރުމުން ބާސާގެ ކުރީގެ ރައީސުން ކަމަށްވާ ސެންޑްރޯ ރޮސެލް އާއި ޖޯސެޕް މާރިއާ ބާޓޯމެއުއާ އެކު ލަޕޯޓާއަށް ވެސް ދައުވާކުރަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ބާސާގެ ކުރީގެ ޑިރެކްޓަރުން ކަމަށްވާ އޮސްކާ ގްރައު އަދި އަލްބާޓް ސޮލާއަށް ވެސް ދައުވާކުރެއެވެ.

ފަނޑިޔާރު ޖޯކިން އަގުއިރޭ ވިދާޅުވެފައިވަނީ ނެގްރެއިރާއަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކުމަށް ކުރެވުނު މުއާމަލާތްތަކުގައި ބާސާގެ ކުރީގެ ރައީސުންނަށް ކުރާ ދައުވާތައް ލަޕޯޓާއަށް ވެސް ކުރެވޭނެ ކަމަށެވެ.

ސްޕެނިޝް ފުޓްބޯލް ރެފްރީން ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި ނެގްރެއިރާ ހުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ، 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި، ލަޕޯޓާ އާއި ބާސާގެ ކުރީގެ ރައީސުންނަށް ކުށް ސާބިތުވެއްޖެ ނަމަ، ދިހަ އަހަރު ދުވަހުގެ ހުކުމެއް އަންނާނެއެވެ.