19 Oct 2023, 19:19
ވީޑިއޯ ޝެއަރިން ޕްލެޓްފޯމް، ޔޫޓިއުބުން އަންނަ އިޝްތިހާރު ނުބެލުމަށް 'އެޑްބްލޮކް' ފަދަ އެޕްތައް އަޅައިގެން އެ އިޝްތިހާރުތައް ބްލޮކް ކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ޔޫޓިއުބުން ފަށައިފިއެވެ.
ޔޫޓިއުބުން އަލަށް ފެށި ކެމްޕެއިންގެ ޓެސްޓިން މަރުޙަލާ ކުރިއަށްދާއިރު، އެ ޕްލެޓްފޯމްގައި އިޝްތިހާރު ބްލޮކަރެއް ނުވަތަ އިޝްތިހާރު ނުފެންނަ ގޮތެއް ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކުރާނަމަ އެ ކަންކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ އިންޒާރުދޭ ޕްރޮމްޕްޓްތައް ނުވަތަ މެސެޖްތައް މިހާރު ބައެއް ޔޫޒަރުންނަށް ފެންނާނެއެވެ.
"ދަ ވާޖް"އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިއީ އިޝްތިހާރު ބްލޮކްކުރާ ފަރާތްތަކާ ދެކޮޅަށް ޔޫޓިއުބުން ކުރަމުން އަންނަ މަސައްކަތާ ގުޅިގެން އަންނަ އިންޒާރުގެ މެސެޖްތަކެކެވެ.
މި ކެމްޕެއިން ކުރިއަށްދާކަން ޔޫޓިއުބުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔޫޓިއުބުން ބުނީ މިއީ އެ މީހުންގެ ޕްލެޓްފޯމްގައި އިޝްތިހާރު ބްލޮކަރު ބޭނުންކުރުން މަނާކުރުމަށް ފަށާފައިވާ ކެމްޕޭނެއްގެ ތެރެއިން ކުރިއަށް ގެންދާ ޓެސްޓެއް ކަމަށެވެ.
ޔޫޓިއުބުން ކުރިއަށްގެންދާ މި ކެމްޕޭނަކީ ކޮންޓެންޓް އުފައްދާ މީހުންނާށާއި އެ ޕްލެޓްފޯމަށް ވެސް އާމްދަނީ ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ އިޝްތިހާރުތަކުން ލިބޭފައިދާ ދެމެހެއްޓުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ޔޫޓިއުބްގެ މި ކެމްޕެއިންގެ އަމާޒަކީ ޔޫޓިއުބްގެ ސަބްސްކްރިޕްޝަން ހިދުމަތެއް ކަމަށްވާ "ޔޫޓިއުބް ޕްރިމިއަމް" ފީޗާ ފުޅާ ކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޔޫޓިއުބުން އިޝްތިހާރު ބްލޮކަރު މަނާކުރުމުގެ ޓެސްޓްތައް ކުރަމުން އަންނައިރު، މި ކަމުގެ ސަބަބުން އޮންލައިން އިޝްތިހާރުގެ މުސްތަގުބަލާއި، ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާއަށް އޭގެ ނުފޫޒު ފޯރާނެ ގޮތަކާ މެދު ޔޫޓިއުބަރުންނާއި، ތަޖުރިބާކާރުންގެ މެދުގައި ވަނީ މަޝްވަރާތައް ފެށިފައެވެ.