19 Oct 2023, 14:55
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) ނިންމަވައިފިއެވެ.
މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ ޓޮމް ކުރިމަތިލައްވާކަން އިއުލާންކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ޓޮމް ވިދާޅުވީ ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.
އަންނަ އަހަރު ބާއްވާ އެފްއޭއެމް އިންތިހާބުގައި ޓޮމް ވާދަކުރައްވާކަން އިއުލާންކުރެއްވި އިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެފްއޭއެމްގެ ރައީސްކަމަށް ގެނައުމަށް ވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ ކެމްޕޭނެއް ފަށައިފައެވެ. ދަގަނޑޭ އެފްއޭއެމްގެ ރައީސްގެ މަގާމަށް ޝައުގުވެރިވާކަން "ސަން"އަށް ވަނީ ކަށަވަރުވެސް ވެފައެވެ.
އެހެންކަމުން ކުރިއަށްއޮތް އެފްއޭއެމްގެ އިންތިހާބުގައި ޓޮމް އާއި ދަގަނޑޭގެ ކުރިމަތިލުމެއް ފެނުން އެކަށީގެންވެއެވެ. ނަމަވެސް ރަސްމީކޮށް ކުރިމަތިލާކަން ދަގަނޑޭ އަދި އިއުލާންކޮށްފައެއް ނުވެއެވެ.
ޓޮމް އާއި ދަގަނޑޭ ވަނީ ކުޅުންތެރިންގެ ގޮތުގައި އެކުގައި ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެ، ކާމިޔާބީތަކެއް ހޯދައިފައެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތައްޓެއް ހޯދައިދިނުމުގައި ޓޮމް އާއި ދަގަނޑޭގެ ދައުރު ފާހަގަކޮށްލެވެއެވެ. ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބުކުރި އެ ޓީމު ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގެ "ރަން ޓީމު"ގެ ގޮތުގައެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް މީގެ ކުރިން ޓޮމް އިންތިހާބުވީ ނަމަވެސް، ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު ޓޮމްއަށް އެ މަގާމު ގެއްލިގެންދިޔައެވެ. އޭރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިހާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި ބައްސާމް އެ މަގާމު އަދާކުރައްވާތާ މިހާރު ހަތް އަހަރުވާ އިރު، އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެފްއޭއެމްގެ ދަރަނީގެ މައްސަލަތަކާއެކު ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ވަނީ އަމާޒުވެފައެވެ.
އެފްއޭއެމަށް ގަވާއިދުން ލީގު ހިންގޭ ގޮތް ނުވުމުން އެކަމުގެ އަސަރު ގައުމީ ޓީމުން ވެސް ފެނިގެންދެއެވެ. ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި އޮތުމަށްފަހު، މިހާރު ނޭޕާލް އަދި ބަންގުލަދޭޝް ފަދަ ޓީމުތަކާ ދެކޮޅަށް ނަތީޖާތައް ނެރުމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.
އެފްއޭއެމަށް ވަނީ އެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ވެސް ނުވެފައެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމުގައި މަސައްކަތްކުރި ޓެކްނިކަލް މުވައްޒަފުންނަށް މުސާރަ ދީފައިނުވުމުން، ފީފާގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގައި ވެސް އެފްއޭއެމްގެ މައްސަލަތައް ކުރިއަށްދެއެވެ.
އެފްއޭއެމް ތެރޭގައި މައްސަލަތަކެއް ޖެހި، ދާދި ފަހުން ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވެސް ވަނީ އިސްތިއުފާދީފައެވެ. އެއީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި ހިންގާ ކޮމިޓީގެ މެންބަރު އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އެވެ.